14 May 2011, 20:24
ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލު ގޭ ބަންދު މުއްދަތަށް އިތުރު 10 ދުވަސް މިރޭ ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރު އާދިލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
މިވަގުތުވެސް ގޭބަންދުގައި ހުންނެވި އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވަނީ އާދިލް ބަންދުން ދޫކޮށްލައިފި ނަމަ ހެކި ފޮރުވަން މަސައްކަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.