31 May 2016, 11:37
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބައިވެރިވެއްޖެ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭ މުވައްޒަފުންގެ ސުކީމަކީ މުސާރަ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މުވައްޒަފުން ހައްޖަށާއި އުމްރާ އަށް ގެންގޮސްދޭ ސުކީމެކެވެ. ހައްޖު ސުކީމްގެ ބޭނުމަކީ ޒުވާން އުމުރުގައި ހައްޖަށް ދިއުމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މުވައްޒަފުންގެ ސުކީމުގައި މީރާ އިން ބައިވެރިވުން --- ފޮޓޯ: މީރާ
މީރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންގެ ސުކީމުގައި ބައިވެރިވެ، އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަޒީދު ވިދާޅުވީ މީރާ އުފެދުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ މުވައްޒަފުންނަށް ދިމާވެފައިވާ އެކިއެކި ކަންކަމަށް ލުއި ފަސޭހަ ގޮތްތައް ހޯއްދަވައިދިނުމަށް ކަމަށާއި އެ ސުކީމުގެ ސަބަބުން ފަސޭހައިން ފައިސާ ދެއްކުމުގެ އިންތިޒާމެއް ހަމަޖެހިގެންދިއުމާ އެކު ދީނީ ފަރުޟެއް އަދާކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާ ކަމަށެވެ.
މުވައްޒަފުންގެ ސުކީމުގައި މީރާ އިން ބައިވެރިވުން --- ފޮޓޯ: މީރާ
މިހާތަނަށް އެ ސުކީމުގައި ސަރުކާރުގެ 19 އިދާރާއަކުން ވަނީ ބައިވެރިވެފަ އެވެ. މުވައްޒަފުންގެ ސުކީމުގައި މިހާތަނަށް ބައިވެރިވެފައިވާ އިދާރާތަކާއި ކުންފުނިތަކުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ދިރާގާއި ފިނޭންސް މިނިސްޓްރީ އާއި ކަސްޓަމްސްގެ އިތުރުން އެމްއޭސީއެލް ވެސް ހިމެނެ އެވެ.