31 May 2016, 11:05
ކުވޭތު ސިޓީ(މޭ 31): ކުވޭތުގެ އަމީރާއި ޖުޑިޝަރީގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމާ ގުޅިގެން އެގައުމުގެ ވެރިކަން ކުރާ ޝާހީ އާއިލާއަށް ނިސްބަތްވާ ތިން ބޭފުޅެއްގެ މައްޗަށް ޖަލު ހުކުމްކޮށްފި އެވެ.
ވަޓްސްއެޕާއި ޓުވިޓާގައި ކުވޭތުގެ އަމީރު، ސަބާހް އަހުމަދު އަލް ސަބާހުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކައި ކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ހިފި ކަމަށް ބުނުމާ ގުޅިގެން އެގައުމުގެ ކޯޓުން ވަނީ ހަތް މީހެއްގެ މައްޗަށް ޖަލު ހުކުމް ކޮށްފަ އެވެ.
އޭގެ ތެރެއިން، ވެރިކަން ކުރާ އާއިލާއަށް ނިސްބަތްވާ ތިން ބޭފުޅުންނަށާއި އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމްކޮށްފަ އެވެ. ހަ ވަނަ މީހާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމްކޮށްފައިވާ އިރު ހަތް ވަނަ މީހާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމް ކޮށްފަ އެވެ.
ހުކުމްކޮށްފައިވާ ޝާހީ ބޭފުޅުންގެ ތެރޭގައި ކުވޭތުގެ ޖާސޫސީ ފުލުހުންގެ ކުރީގެ ވެރިޔާ އަދި އަމީރު އަލް ސަބާހަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ ޝޭހު އަތުބީ އަލްފަހަދު އަލް ސަބާހާއި އެގައުމުގެ އަލް ވަތަން ނޫހުގެ އެޑިޓަރު، ޝޭހު ހަލީފާ އަލީ އަލް ސަބާހު ހިމެނެ އެވެ.
ހުކުމްކޮށްފައިވާ ފަރާތްތަށް މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. (އޭއެފްޕީ)