31 May 2016, 10:32
ހުޅުމާލޭގައި ތަރައްގީ ކުރާ ސެންޓްރަލް ޕާކުގެ ލެޝާ ޒޯންގައި ފްރީ ވައިފައި ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ސަންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، އުރީދޫގެ އެހީތެރިކަމާއެކު ކުރިއަށް އޮތް ދެ މަސް ތެރޭގައި އެޒޯން އެއްކޮށް ފްރީ ވައިފައި ޒޯނަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
"އުރީދޫއިން ފާހަގަކޮށްފައިމިވަނީ ސެންޓްރަލް ޕާކަކީ ފްރީ ވައިފައި ޒޯނެއްގެގޮތުގައި އެބޭފުޅުން އެކަން ކޮށްދެއްވާނެ ކަމަށް. ވަރަށް އަވަހަށް އަޅުގަނޑުމެން އެ އިންތިޒާމްތައް މިތާތެރޭގައި ހަމަޖައްސައިދޭނަން،" ސައިމަން ވިދާޅުވިއެވެ.

އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ސައިމަން ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭރުން އެ ޕާކުގައިތިބެގެން ތައުލީމީ މައުލޫމާތު ހޯދުމާއި ހިތްހަމަޖައްސާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
ޒުވާނުންނާއި އާއިލާތަކަށް ހާއްސަކޮށްގެން ޒަމާނީގޮތަކަށް ހަދައި މިމަހު 22 ވަނަ ދުވަހު ހުޅުވި އެޕާކަކީ ވަރަށް ހިތްގައިމު ފެހި ޕާކެކެވެ. އެޕާކުގައި ބްރިޖަކާއި ފެން ގަނޑެއްގެ އިތުރުން މީހުން އިށީނދެ ތިބެވޭގޮތަށް ގޮނޑިތައް ބަހައްޓާފައިވެއެވެ.
އެކިއުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހުވެސް އެތަނަށްގޮސް އުފާކުރެއެވެ.