ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހީމް ސަލާމުގައި ހުންނެވުމުން ރިޔާސީ ލޯންޗް "ފިނިފެންމާ"ގައި އެއްޗެއް ގޮވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ދެމީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ހެކިބަސް ނެގުން ފަސްކޮށްފި އެވެ.

އަދީބުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ، އަހުމަދު އާމިރު އާއި މއ. ސިގްމާ ހަސަން ރިކާޒުގެ މައްޗަށެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ސައީދު މިއަދު ސަލާމުގައި ހުންނެވި އިރު، އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރެއްވުމަށްފަހު އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ސުޕްރީމް ކޯޓުގެ އެދުމުގެ މަތިންނެވެ.

ދައުވާ ލިބޭ އަހުމަދު އާމިރު: އޭނާ އަކީ އަދީބުގެ ކުރީގެ ބޮޑީ ގާޑެއް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދައުވާ ލިބޭ އަހުމަދު އާމިރު: އޭނާ އަކީ އަދީބުގެ ކުރީގެ ބޮޑީ ގާޑެއް --- ސަން ފައިލް ފޮޓޯ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފަ އެވެ.

ި ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ވަނީ ހެކި ހުށަހަޅާފަ އެވެ.

ދައުވާ ލިބޭ ހަސަން ރިކާޒު: އޭނާ އަކީ ވެސް އަދީބުގެ ކުރީގެ ބޮޑީގާޑެއް --- ސަން ފައިލް ފޮޓޯ

ލޯންޗުކޮޅު ގޮއްވާލީ އަދީބު އިސްވެ ހުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ބޭނުންވެގެންކަން ސާބިތުކުރަން 13 ސިއްރު ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އަދި އަދީބުގެ ފަރާތުން ވަނީ އެމަނިކުފާނު ސަރުކާރުން ބޭރުކޮށްލަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވިކަން ސާބިތުކުރަން ފަސް މީހަކު ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.