31 May 2016, 10:27
މާދަމާ އިން ފެށިގެން މުދަލު މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން މުދަލު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.
މީގެ ކުރިން މުދަލު ޒަކާތް ބަލައިގަންނަމުން ދިޔައީ އިސްލާމިކް މިނިސްޓްރީ އާއި ކައުންސިލް އިދާރާތަކުންނެވެ.
ނަމަވެސް، މުދަލު ޒަކާތަށް ވަރަށް ގިނަ ބަޔަކު އިހުމާލުވަމުން އަންނާތީ، މުދަލު ޒަކާތް ނެގުމުގެ ކަންކަން ހަރުދަނާ ކުރުމަށް އެ މަސައްކަތް މީރާ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މިދިޔާ މާޗު މަހު އެވެ.
މީރާ އިން ބުނީ މާލެ ނޫން ރަށްރަށުގައި ގާއިމުކޮށްފައިވާ މީރާގެ އޮފީސްތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި މީރާގެ އޮފީހެއް ގާއިމުކޮށްފައި ނުވާ ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެ ކަމަށް މީރާ އިން ބުންޏެވެ.
ޒަކާތުގެ ފައިސާ ދައްކާއިރުMIRA 510ނަންބަރު ފޯމު ހުށަހަޅަންޖެހޭނެ ކަމަށާއި އެ ފޯމު މީރާގެ ވެބްސައިޓުންނާއި ޓެކްސްޕޭޔަރު ސާވިސް ސެންޓަރުން ލިބޭނެ ކަމަށް މީރާ އިން ބުނެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މީރާއިން ބަލައިގަންނަ ފައިސާ ޖަމާކުރާނީ ދައުލަތުން އެކަމަށްޓަކައި ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ބުނީ ޒަކާތް ނެގުމުގެ މަސައްކަތް މީރާ އިން ކުރި ނަމަވެސް ޒަކާތް ބެހުމުގައި ހަރަކާތްތެރިވާނީ ހަމައެކަނި އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ފިތުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންނެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި މުދަލުގެ ޒަކާތް ދައްކަމުން އަންނަނީ އާބާދީގެ ދެ ޕަސެންޓާ ފަސް ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2013 ވަނަ އަހަރުގެ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި ކައުންސިލްތަކަށް ލިބިފައިވާ ފައިސާ އިސްލާމިކް މިނިސްޓްރީ އަށް ލިބުނުކަން ކަށަވަރު ކުރެވެން ނެތް ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ފައިސާ މޮނީޓާކޮށް ބެލޭނެ އިންތިޒާމް މިނިސްޓްރީގައި ގާއިމްކުރުމަށާއި އެ ފައިސާ ގަވާއިދުން ޖަމާކުރެވޭކަން ކަށަވަރު ކުރުމަށެވެ.