31 May 2016, 09:53
ކާބުލް (މޭ 31): ތާލިބާނުން އެޖަމާއަތުގެ އާލީޑަރު އައްޔަން ކުރި ފަހުން ފާއިތުވި ދެދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ދެކުނުގައި އޮންނަ ހެލްމަންޑް ޕްރޮވިންސަށް ދިން ހަމަލާތަކުގައި 50 އަށް ވުރެ ގިނަ ފުލުހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހެލްމަންޑް ޕްރޮވިންސުގެ ވެރިރަށް ލަޝްކާރު ގާގެ ފުލުހުންގެ ސަރަހައްދީ ކޮމާންޑަރު، އިސްމަތުﷲ ދައުލަތުޒާއީ ވިދާޅުވި ގޮތުގައި ތާލިބާނުން ހަމަލާތައް ދީފައި ވަނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އެވެ. އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 33 ފުލުހުން މަރާލާފައިވާ އިރު ހޯމަ ދުވަހު ދިން ހަމަލާތަކުގައި 24 އޮފިސަރުން މަރާލާފައިވާ ކަމަށް ދައުލަތުޒާއީ ވިދާޅުވި އެވެ. އަދި ދެހަމަލާގައި 40 މީހަކަށް އަނިޔާވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތާލިބާނުން މިހާރު ދަނީ ހެލްމަންޑު ޕްރޮވިންސުން ކަންދަހާރު ޕްރޮވިންސަށް ދެވެން އޮތް މަގު ބަންދު ކުރަން ކަމަށާއި އެސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހުންގެ ހަތަރު ޕޯސްޓެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހެލްމަންޑް ޕްރޮވިންސުގެ މަޖިލިސް މެމްބަރެއް ކަމަށްވާ، މުހައްމަދު ކަރީމް އަތަލް ވިދާޅުވި އެވެ.
"އަސްކަރިއްޔާ އިން ދަނީ ހެލިކަޕްޓަރު ބޭނުންކޮށްގެން އެއްގަމު ފައުޖުތަކަށް އެހީ ފޯރުކޮށްދެމުން. އަދި ފުލުހުން ވަނީ ތާލިބާނުން ހިފާފައިވާ އެއް ސަރަހައްދުގެ ކޮންޓްރޯލް އަނބުރާ ނަގާފައި. އަޅުގަނޑުމެން މިތިބީ ކާބުލްއިން އިތުރު ފައުޖުތައް ފޮނުވަންދެން،" ކަރީމް އަތަލް ވިދާޅުވި އެވެ.
މިދިޔަ ހަފްތާ ތެރޭގައި ތާލިބާނުންގެ އާލީޑަރަކު އައްޔަންކޮށްފައި ވަނީ އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި އެޖަމާއަތުގެ ކުރީގެ ލީޑަރު، މުއްލާ އަހުތަރު މަންސޫރު މަރާލުމުންނެވެ. މިހާރު އެޖަމާއަތުގެ ލީޑަރަކީ މުއްލާ ހައިބަތުﷲ އަޚުންދުޒާރާ އެވެ. (އަލްޖަޒީރާ)