ރޯދަ މަހުގެ ހާއްސަ ހަދިޔާ އާއި އިނާޔަތުގެ ގޮތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ތިން މިލިއަން ރުފިޔާގެ ތަކެތި ބަހަން ފަށައިފި އެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން އިސްކަންދަރު ކޮށީގައި އިމާރާތްކުރި "ޕޮލާޓޭ" ރެސްޓޯރަންޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވީ، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ޓީމުން އިސްނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ހަދިޔާ އާއި އިނާޔަތުގެ ގޮތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ތިން މިލިއަން ރުފިޔާގެ ތަކެތި ބަހަން ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އެއީ ޕޮލްކޯގެ ފަރާތުން ބަހާ ތަކެއްޗެވެ.

ސީޕީ ވިދާޅުވީ ކޮންމެ މުވައްޒަފަކަށްވެސް އަދި ކޮންމެ ފުލުހަކަށްވެސް ހަމަހަމަ އުސޫލުން އެ ތަކެތި ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ޕޮލްކޯގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފައިވާ ކަމަށާއި ހިއްސާއަކަށް 34 ރުފިޔާގެ މަގުން އެފައިސާވެސް މި ރަމަޟާން މަސް ފެށުމުގެ މުނާސަބާ އާއި ގުޅިގެން ދޭން ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ޕޮލިސް ވެލްފެއާ ފަންޑް ރަސްމީ ކޮށް އިފްތިތާޙްކޮށްފަ އެވެ.