ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އިސްކަންދަރު ކޮށީގައި އިމާރާތްކުރި ރެސްޓޯރަންޓް "ޕޮލާޓޭ" ހުޅުވައި ކެންޓީނުގެ ހިދުމަތް ރަސްމީ ގޮތުން ދޭން ފަށައިފި އެވެ.

"ޕޮލާޓޭ" ރެސްޓޯރަންޓް ހުޅުވައިދެއްވީ ރޭ އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.

ރެސްޓޯރަންޓު ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ޖިހާދު ވިދާޅުވީ ފުލުހުން ފަދައިން ހަފްތާގެ ހަތް ދުވަހު ސައުވީސް ގަޑިއިރު ރަސްމީ މަސައްކަތުގައި ހޭދަކުރާ ބަޔަކަށް އަދި އެބައެއްގެ އާއިލާއަށް ވެސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ވެލްފެއާގެ ކަންކަން ހަމަޖައްސައި ދެމުންގެންދާ ކަމަށެވެ.

އަދި ފުލުހުންނަކީ އިތުރު އެހެން ވަޒީފާއެއްގައި އުޅުމުގެ ފުރުސަތު ނެތް ބަޔަކަށް ވާތީ ފުލުހުންނަށް ބޭނުންވާ ވެލްފެއާގެ ކަންކަން ހަމަޖައްސައި ދިނުމަށް އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕޮލާޓޭ" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޖިހާދު ވާހަކަދައްކަވަނީ --- ފޮޓޯ: ޕޮލިސް

މިނިސްޓަރު ވިދާޅުވީ ރޭ ހުޅުވިގެން ދިޔަ ރެސްޓޯރަންޓުގެ ސަބަބުން ދައުލަތުން ފުލުހުންގެ ވެލްފެއާ ކަންކަމަށް ކުރެވޭ ހަރަދު މަދުކުރެވި އެ ފައިސާ ރައްޔިތުންގެ އެހެނިހެން ކަންކަމަށް ހަރަދު ކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށެވެ. އަދި އެ ރެސްޓޯރަންޓް ވެގެންދާނީ ރައްކާތެރިކަމާއި ހިތްފަސޭހަކަމާ އެކު، ކެއުމަށް އިންސާފު ކުރުމަށާއި އެކުވެރި މާހައުލެއްގައި ކޮފީއާއި ސައި ބުއިން ފަދަ ކަންކަމަށް ހުޅުވުނު ދޮރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އެއީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުން ކެއުން ބުއިމުގެ ކަންކަން ރައްކާތެރި ވެއްޓެއްގައި ހަމަޖެއްސުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވީ އެފަދަ ހިދުމަތްތައް ފުލުހުންގެ ތެރެއިން ލިބިގެން ދިއުމަކީ މަސައްކަތުގައި ޒިންމާދާރު ކަމާ އެކު ދެމިތިބެ އިހުލާސްތެރި ހިދުމަތެއް ދިނުމަށް ފުލުހުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ކަމަށެވެ. އަދި އެއީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ޓީމުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުން ކާމިޔާބު ކުރެވުނު މަސައްކަތެއް ކަމަށް ވެސް އަރީފު ވިދާޅުވި އެވެ.

"ޕޮލާޓޭ" ހުޅުވުމުގެ ރަސްމިއްޔާތުގައި ސީޕީ އަރީފު ވާހަކަދައްކަވަނީ --- ފޮޓޯ: ޕޮލިސް

އެ ރަސްމިއްޔާތުގައި ޕޮލްކޯގެ މެނޭޖިން ޑައިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މައްނާނު ޔޫސުފް ވިދާޅުވީ ޕޮލްކޯގެ ރެސްޓޯރަންޓް ހުޅުވިގެން ދިއުމާ އެކު ޕޮލްކޯގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކަމާ އެކު ކުރައްވަން ޕޮލްކޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ޕޮލިސް ވެލްފެއާ ފަންޑް ރަސްމީ ކޮށް އިފްތިތާޙްކޮށްފަ އެވެ. ފަންޑު އިފްތިތާހު ކޮށްދެއްވީ ސީޕީ އަހުމަދު އަރީފް އެވެ. އެ ފަންޑަށް ޕޮލްކޯގެ ފަރާތުން ހަދިޔާކުރާ އެއް މިލިއަން ރުފިޔާގެ ޗެކު ސީޕީ އަރީފާ ވާލުކޮށްދެއްވީ ޕޮލްކޯގެ ވައިސް ޗެއާޕާސަން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ޕޮލިސް ވެލްފެއާ ފަންޑް ރަސްމީ ކޮށް އިފްތިތާހުކޮށް، އެ ފަންޑަށް ޕޮލްކޯ އިން ހަވާލު ކުރި އެއް މިލިއަން ރުފިޔާގެ ޗެކް ސީޕީ އަރީފު އާ ހަވާލުކުރުން -- ފޮޓޯ: ޕޮލިސް

ޕޮލާޓޭ ރެސްޓޯރަންޓް ހުޅުވިފައި ހުންނާނީ ހެނދުނު 07:30 އިން ފެށިގެން ރޭގަނޑު 00:00 އަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ރެސްޓޯރަންޓު ތައްޔާރުކޮށްފައި ވަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކާއި އެކުވެރިންނަށް ވެސް ހުދުމަތް ދެވޭ ގޮތަށެވެ.