14 May 2011, 19:50
ޓްރިޕޮލީ : ނޭޓޯގެ ބޮމާއި އުންޑަތަކަށް ދުވަހަކު ވެސް ވާސިލް ނުވެވޭނެ ތަނެއްގައި ހުންނެވިކަމަށް ވިދާޅުވެ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ނޭޓޯގެ ލަޝްކަރުތަކަށް ގޮންޖައްސަވައި ވާހަކަ ދައްކަވައިފި އެވެ.
ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ރަސްމީ ޓީވީން ދުރަށް ދެއްކި ގައްޒާފީގެ ވީޑިޔޯއެއްގައި އޭނާ ވިދާޅުވީ ނޭޓޯއަކީ ސަލީބީ އަނިޔާވެރި ޖަމާޢަތެއްކަމަށާއި ޢާންމުން ޙިމާޔަތް ކުރުމުގެ ނަމުގައި ނޭޓޯއިން ލީބިޔާގެ މަދަނީ ތަންތަނަށް ޙަމަލާދީ ކުށެއްނެތް ޢާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންގެންދާ ކަމުގައެވެ.
މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ނޭޓޯގެ މަތިންދާބޯޓުތަކުން ދިން ޙަމަލާތަކެއްގައި ވެސް ނޫސްވެރިންގެ ތިންމީހަކު މަރުވެފައިވާ ކަމަށް ގައްޒާފީ ވިދާޅުވި އެވެ. ގައްޒާފީ ވިދާޅުވީ އޭނާ އަވަހާރަކޮށްލުމަށް ނޭޓޯއިން ނާކާމިޔާބު އެތަށް ޙަމަލާތަކެއް ދީފައިވާ ކަމަށާ މިހާރު އޭނާ ހުންނެވީ އެތަށް މިލިޔަން ބައެއްގެ ހިތުގެ ތެރޭގައި ކަމަށްވާތީ އެއީ "ޣަދަރުވެރި ނޭޓޯއަށް" ދުވަހަކުވެސް ވާސިލްނުވެވޭނެ ތަކެއް ކަމުގައެވެ.
ގައްޒާފީ މިމޭރުމުން ވާހަކަ ދެއްކެވީ ޓްރިޕޮލީގައި ހުންނަ ބާބުލްޢަޒީޒިއްޔާ ކޭންޕް ދޫކުރެއްވުމަށްފަހު އެހެން ތަނަކަށް އޭނާ ވަޑައިގެންފިކަމަށް ވިދާޅުވެ އިޓަލީގެ ޚާރިޖީ ވަޒީރު ފްރަންކޯ ފްރަޓީނީ ދެއްވި ބަޔާނެއް ދޮގުކުރައްވައި ލީބިޔާ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވާހަކަ ދައްކަވާފައިވަނިކޮށެވެ.
ގައްޒާފީ، ޓްރިޕޮލީ ދޫކުރައްވައި ލީބިޔާގެ އެހެން ތަނަކަށް ވަޑައިގެންނެވި ކަމަށް އިޓަލީގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ޓްރިޕޮލީގައި ހުންނަ އިޓަލީގެ ނަސާރާ ކެތަލިކް ފައްޅީގެ އިސްފާދިރީ ޖިއުފާނީ އެނުޗިންޒޫއާ ޙަވާލާ ދެއްވައެވެ.
ނޭޓޯގެ ޙަމަލާތަކުގައި ލީބިޔާގެ ޢާންމު ރައްޔިތުންގެ އެތަށްބަޔަކު މަރުވެފައިވާ ކަމަށް ޓްރިޕޮލީގައި ދިރިއުޅުއްވާ އިޓަލީގެ އިސްފާދިރީ ޖިއުފާނީވެސް ކަށަވަރު ކޮށްދެއްވިއެވެ. ނޭޓޯގެ ޙަމަލާތަކެއްގައި ގައްޒާފީ ޒަޚަމްވެ ވަޑައިގެންފައިވާ ކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އިޓަލީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ. ނަމަވެސް މިކަން ކަށަވަރު ވެފައެއް ނުވެއެވެ. -- ބީބީސީ