ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ރައީސް ކަމަށް އަޙްމަދު ޠާރިޤު (ޓޮމް) އިންތިހާބް ކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް އެދި ޓޮމް އެކަނި ކުރިމަތިލެއްވުމުން މިއަދު ބޭއްވި ކޮންގްރެސްގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެ ވޯޓް ޓޮމް ކާމިޔާބުކުރެއްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 19 ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. ނުފެންނަ ކަމަށް ދީފައި ވަނީ 2 ވޯޓެވެ. އެފްއޭއެމްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައވާ 24 ކްލަބް ޖަމިއްޔާއަކަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވަމުންދާ، ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ އިތުބާރު ފޯވާޑް ޓޮމް އާއި އެކު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއަށް ދެ ނައިބު ރައީސުންގެ ގޮތުގައި އޭނާ ނެގީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އުމަރާއި މުހައްމަދު ކަލީމް އެވެ.

ޓޮމްގެ ދެ ނައިބުންނާއެކު އެގްޒެކްޓިވް ކޮމެޓީގައި ދެން ހިމެނޭ ހަ މެމްބަރުންނަކީ ގައުމީ ޓީމުގެ ފިޒީޝަން އަދި ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު އަހުމަދު ޝަކީބް އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި މުހައްމަދު އީސަ އާއި އަހުމަދު ޒަރީރު އާއި އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމްގެ އިތުރުން ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އެވެ.