31 May 2016, 09:40
ސޯލް (މޭ 31) : އުތުރުކޮރެޔާ އިން ބެލަސްޓިކް މިސައިލެއް ތަޖުރިބާކުރަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ ކަމަށް އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާ އިން ބުނެފި އެވެ.
ދެކުނު ކޮރެޔާގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ ބެލަސްޓިކް މިސައިލެއް ތަޖުރިބާކުރަން އުތުރުކޮރެޔާގެ ސިފައިން މަސައްކަތްކުރީ މިއަދު ކޮރެޔާގެ ގަޑިން ފަތިހުގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އެ މިސައިލް އުދުއްސާލެވިފައިނުވާ ކަމުގަ އެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް ދެކުނު ކޮރެޔާއަކުން ނުދެ އެވެ. އަދި މިއީ ތެދެއްކަންވެ ސް ކަށަވަރެއް ނުވެ އެވެ.
ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރަން އުޅޭކަން އުތުރުކޮރެޔާ އިން އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އުތުރުކޮރެޔާގެ އަވަށްޓެރި ޖަޕާނުން ވަނީ މިފަދަ ތަޖްރިބާއެއް އުތުރުކޮރެޔާ ކުރަން މަސައްކަތްކުރާކަން ކުރިން ހާމަކޮށްފަ އެވެ. މިއާއެކު ޖަޕާނުން ވަނީ އެ ގައުމުގެ ސިފައިން ތައްޔާރީ ހާލަތުގައި ތިބުމަށް އަންގައި އެގައުމުގެ ބައެއް ސަރަހައްދުތައް ކުއްލި ހާލަތަކަށް ގެނަސްފަ އެވެ. ދެކުނު ކޮރެޔާގެ ޔުންހާބު ނޫސް އެޖެންސީ ބުނާ ގޮތުން އުތުރުކޮރެޔާ އިން ތަޖުރިބާކުރަން އުޅުނީ މެދުރާސްތާގެ ބެލަސްޓިކް މިސައިލެކެވެ.
އުތުރުކޮރެޔާއަކީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުފެއްދުމާއި ކާމިޔާބުކަމާ އެކު އެފަދަ މިސައިލް ތަޖްރިބާކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ. މިގޮތުން އެތައް ފަހަރަކު މިފަދަ ތަޖްރިބާތައް އުތުރުކޮރެޔާއިން ކޮށްފައިވެ އެވެ. އުތުރުކޮރެޔާ އިން އެންމެ ފުރަތަމަ ނިއުކްލިޔާ ތަޖްރިބާ ކުރިއިރު ވެސް އެކަމަށް އެމެރިކާ އާއި ދެކުނުކޮރެޔާއާއި ޖަޕާން ފަދަ އެގައުމުގެ ދުޝްމަން ގައުމުތަކުން ޖޯކު ޖަހައި މަލާމާތްކޮށްފައިވެ އެވެ. ނަމަވެސް ނިއުކްލިޔާ ހަތަރު ވަނަ ތަޖުރިބާ މިދިޔަ ޖަނަވަރީމަހު އުތުރުކޮރެޔާ އިން ކުރުމުން އެމެރިކާ އާއި އެމެރިކާގެ އޯބިޓްގައި ވަށައިގެން އެނބުރޭ މިގައުމުތައްވަނީ އުތުރުކޮރެޔާއަކީ ނިއުކްލިޔާ ބާރެއްކަމަށް ގަބޫލުކޮށްފަ އެވެ.
އުތުރުކޮރެޔާއަކީ ހަރުކަށި އެކަހެރި އަދި އާއިލީ ޚުދު މުޚްތާރު ވެރިކަމެއް ކުރާ ގައުމެކެވެ. ނަމަވެސް އެމެރިކާ ފަދަ ގައުމުތަކުން ދައްކާ ބިރުތަކާދެކޮޅަށް އަމިއްލަ ނަފްސަށް ބަރޯސާވުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އެގައުމުވަނީ އާދަޔާ ޚިލާފު ހިއްވަރެއް ދައްކައިފަ އެވެ.
އުތުރުކޮރެޔާ އަށް ނުކުރެވޭނެ ކަމަށް އެމެރިކާ ބުނެފައިވަނިކޮށް އެގައުމު ވަނީ މިސައިލްތަކުގެ ބޮލުގައި ހަރުކުރެވޭވަރަށް ނިއުކްލިޔާ ހަތިޔާރުގެ ސައިޒް ވެސް ކުޑަކޮށް ކަނޑުއަޑީގެ ސަބްމެރިން ތަކުން މިބާވަތުގެ މިސައިލްތައް ތަޖްރިބާކުރުމުގައި ވެސް ކާމިޔާބު ހޯދާފަ އެވެ. (ނޫސްއެޖެންސީތައް)