ސައުދީ އަރަބިއާގެ ފުލުސް އޮފިސަރެއް މަރާލި ކަމުގެ ކުށް ސާބިތުވި ނައިޖީރިއާ މީހަކަށް އެގައުމުން މަރުގެ އަދަބު ދީފި އެވެ. މިއީ މިއަހަރުގެ ތެރޭގައި އެ ގައުމުން މަރުގެ އަދަބު ދިން 95 ވަނަ މީހާ އެވެ.

ސައުދީ ޕްރެސް އެޖެންސީ އެސްޕީއޭ އިން ރިޕޯޓް ކުރާ ގޮތުގައި، ފަހްދު ހޯސާވީ ނަމަކަށް ކިޔާ އެ މީހާ އަށް މަރުގެ އަދަބު ދީފައިވަނީ މިދިޔަ އާދީއްތަ ދުވަހު ތޯއިފް ގައެވެ. އޭނާ އަށް މަރުގެ އަދަބު ދީފައިވަނީ އެގައުމުގެ ސެކިއުރިޓީ ބަލަހައްޓާ އަބްދުލް ގަނީ އަލް ތުބައިތީ ނަމަކަށް ކިޔާ މީހަކު މަރާލި ކަމުގެ ކުށުގައެވެ.

ސައުދީން އިއްވަމުންދާ މަރުގެ ހުކުމްތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ތަކުރާރުކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަމުންނެވެ. އެގޮތުން އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ރެޕްރީވް ޔޫކޭ އިން ވަނީ ސައުދީ އަށް ޕްރެޝަރު ކުރުމަށް އިނގިރޭސި ވިލާތުގެ ސަރުކާރަށް ގޮވާލާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސައުދީ އަރަބިއާ އިން 158 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު، އެ އަދަދަކީ 2014 ވަނަ އަހަރާ އަޅާބަލާއިރު 76 ޕަސެންޓް އިތުރު އަދަދެކެވެ.

ރެޕްރީވް ޔޫކޭ އިން ބުނީ، ސައުދީ އިން މިހާރު މަރުގެ އަދަބު ދެމުންދާ މިންވަރަށް ބަލައި، މިއަހަރު ނިމުމުގެ ކުރިން އެގައުމުން މަރުގެ އަދަބު ދޭ މީހުންގެ އަދަދު 360 އަށް އެރުން ގާތް ކަމަށެވެ.

މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ އިތުރުން ރޭޕްގެ ކުށްތަކަށް ވެސް ސައުދީ އަރަބިއާ އިން މަރުގެ އަދަބު ދެއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުން ވަނީ އެއް ދުވަހެއްގައި ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހަކަށް މަރުގެ އަދަބު ދީފައެވެ.