30 May 2016, 21:27
ސްރީލަންކާގެ ފާދިރީއެއް ކަމުގައިވާ އަސޭލާ ވިކްރަމަ ސިންހަ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިހުރު ހެދި ކަމަށް ބުނެ ރާއްޖެ ޓީވީން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން އެ ސްޓޭޝަނުން މައާފަށް އެދެން އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ނިންމައި ރާއްޖެ ޓީވީއަށް ފޮނުވި ރިޕޯޓުގައި ވަނީ "ސިހުރުގެވެރިކަން" މި ނަމުގައި ރާއްޖެ ޓީވީން ގެނެސްދިން ޑޮކިއުމެންޓްރީގައި "ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ސިހުރު ހެދި ކަމަށް" ބުނެފައި ވާތީ އެއީ އިސްލާމްދީނުގެ އަސްލު އުސޫލްތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
އެ ޑޮކިއުމެންޓްރީގެ މުޅި ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ކޯޑްއޮފް ޕްރެކްޓިސްއާ ޚިލާފުވާ ކަމަށް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ސިހުރު ހަދައިގެން ކަމަށް ދޭހަވާ ގޮތަށް ރާއްޖެ ޓީވީން ޚަބަރު ކިޔާފައި ވާތީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިންޒާރު ދިނުމަށްފަހު އެއްވެސް ޝަރުތެއް ނެތި މައާފަށް އެދުމަށް އެ ސްޓޭޝަނަށް އަށް އަންގާފަ އެވެ.
މިފަހަރު ނިންމި މައްސަލާގައި ވަނީ ކުރިން އިންޒާރުދިން ފަހުން އެ ޑޮކިއުމެންޓްރީގެ ކޮންޓެންޓެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރިކަން ސާބިތުވެފައިނުވާތީ އެ މައްސަލާގައި އިތުރު އިންޒާރެއް ރާއްޖެ ޓީވީއަށް ދޭން ނުޖެހޭ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރޭގަނޑު 8:00 އާއި 8:30 އާ ދެމެދު މައާފަށް އެދި ނެރޭ ބަޔާން ރާއްޖެ ޓީވީން އާންމު ކުރުމަށެވެ.