އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބާއްވަން ނިންމާފައިވާ "ބޮޑު ޖަލްސާ" ބާއްވާނެ ތަނެއް ހައުސިން މިނިސްޓްރީން ހަމަޖައްސައި ނުދިން ކަމަށް އިދިކޮޅު އެމްޑީޕީން ބުނި ވާހަކަ އެ މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް މިއަދު ވިދާޅުވީ އެމްޑީޕީން ފުރަތަމަ އެދުނީ ދަރުބާރުގޭ ހޯދުމަށް ކަމަށާއި އެ ޕާޓީން އެދުނު ދުވަހަށް ދަރުބާރުގޭ ދެވެން ނެތް ކަމަށެވެ. ދެން އެމްޑީޕީން އެދުނު އާޓިފިޝަލް ބީޗަކީ މިހާރު ސިޔާސީ ބޭނުމަށް ދޫކުރާތަނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހައުސިން މިނިސްޓްރީން ވަނީ މާލޭގެ ހުސްބިންތައް ދޫކުރާނެ އުސޫލެއް ކަނޑައަޅައި އޭގެ ދަށުން އާޓިފިޝަލް ބީޗް ސިޔާސީ ބޭނުންތަކަށް ދޫނުކުރަން ނިންމާފައެވެ. އަދި އެއުސޫލް ވަނީ ގެޒެޓްކޮށްފައެވެ.

އެމްޑީޕީއަށް ވެސް އެހެން ޕާޓީ ތަކެކޭ އެއްގޮތަށް ގަވައިދުން ކަންކަން ކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު "ސަން"އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވަން ދަރުބާރުގެ ހޯދުމަށް ލިޔުމުން މިމަހުގެ 11 ވަނަ ދުވަހު އެ ޕާޓީން ހައުސިން މިނިސްޓްރީގައި އެދުނު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބޭނުމަކަށް އެރޭ އެތަން ހަމަޖައްސާފައި ވާތީ ޖަލްސާ ބާއްވަން ދޫކުރެވެން ނެތް ކަމަށް އިއްޔެ އަނގަބަހުން އަންގާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.