ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" އެ ނަމުގައި، ފާއިތުވި އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމްގެ މަގުސަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މައުލޫމާތުތައް އާންމުންނާ ހިއްސާކޮށް އެކަމުގައި ރައްޔިތުންނަށް ފަސޭހަ ކޮށްދިނުން ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ރޭވިފައި ވަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާ އެކުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި އެ މިނިސްޓްރީގައި ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އަދި އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:30 ގެ ކުރިން ލިބޭ މައުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި އެންމެ ހެޔޮ އަގުގައި ލިބެން ހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވާނެ ކަމަށެވެ.

ބާޒާރުގެ އެންމެ ހެޔޮ އަގު" އެ ޕުރޮގްރާމުގެ ދަށުން ފޯރުކޮށްދެވޭ މައުލޫމާތަކީ، އެ ޕުރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން، އެ ދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގުރާމުގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ސައްހަ އަގުތަކެއްތޯ ބެލުމަށް އެ މިނިސްޓްރީން ރެންޑަމްކޮށް ޗެކުކުރާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި އަދި އެ މިނިސްޓްރީގެ ކައުންޓަރުން މާދަމާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި މާދާއިން ފެށިގެން އެ ޕްރޮގުރާމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަރު ވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ޕްރޮގުރާމުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 20ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.