އިންޑިއާގެ "މެލޮޑީ ކުއީން" ލަތާ މަންގޭޝްކަރު އަދި އެ ގައުމުގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ޑެންޑުލްކަރަށް މަލާމާތްކޮށް ވީޑިއޯ އެއް އާންމު ކުރި އިންޑިއާގެ ސްޓޭންޑް އަޕް ކޮމީޑިއަން، ތަންމޭ ބަޓްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ލަތާ އަދި ސަޗިން އަށް މަލާމާތްކޮށް ތަންމޭ އާންމު ކުރި ވީޑިއޯ ގައި ސަޗިންގެ ހުނަރާއި ލަތާގެ އުމުރަށް ވަނީ ފާޑުކިޔައިފަ އެވެ. ދެ މިނެޓުގެ އެ ވީޑިއޯ އަކީ "ފޭސް ސްވެޕް" ހަދާފައިވާ ވީޑިއޯ އެކެވެ.

އެގޮތުން ވިރާތު ކޯލީ އަކީ ސަޗިން އަށް ވުރެ މޮޅު ކުރިކެޓް ކުޅުންތެރިއެއް ކަމަށް ލަތާ ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. އޭގެ ޖަވާބުގައި ލަތާ އަކީ މިހާރު އުމުރުން 5000 އަހަރު ވެފައިވާ މީހެއް ކަމަށާއި ލަތާގެ މޫނު ހީވަނީ "އަށް ދުވަސް ވަންދެން ފެނުގައި ބޭއްވުމަށް ފަހު ނަގާފައި ހުރި ހެން" ކަމަށް ބުނެފައިވެ އެވެ.

ސަޗިން އަދި ލަތާއަށް މަލާމާތްކޮށް ވަނީ ވީޑިއޯ އެއް އާންމުކޮށްފައި. އެ ވީޑިއޯ އަކީ "ފޭސް ސްވެޕް" ހަދާފައިވާ ވީޑިއޯ އެއް --

އޭގެ އިތުރުންވެސް ވަރަށް ހުތުރު ބަހުން އެ ވީޑިއޯ ގައި ވަނީ ވާހަކަ ދައްކައިފަ އެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ، މަހާރާޝްތުރަ ނަވްނިރުމަން ސެނާ އިން ފުލުހުންނަށް ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ.

އެ ޕާޓީ އިން ވަނީ ތަންމޭ ދޫނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް ހަމަލާ ދިނުމަށްވެސް ފަސް ނުޖެހޭނެ ކަމަށާއި، ގައުމުގައި އިއްޒަތާއި ގަދަރު ދެވިފައިވާ ދެ މީހުންގެ އަގު ވައްޓާލައި އޭނާ އާންމު ކުރި ވީޑިއޯ އަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.

ތަންމޭގެ ވީޑިއޯ އާއި ގުޅިގެން ބޮލީވުޑުގެ ފަންނާނުންނާއި ކުރިކެޓު ކުޅުންތެރިންވެސް ވަނީ ތަންމޭގެ ވީޑިއޯ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ސްޓޭންޑް އަޕް ކޮމީޑިއަން، ތަންމޭ ބަޓް: ލަތާ އަދި ސަޗިން އަށް މަލާމާތްކޮށް ތަންމޭ އާންމު ކުރި ވީޑިއޯގެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުން --

ކޮމީޑިއަން އެއްގެ އިތުރުން، ތަންމޭ އަކީ ސްކްރިޕްޓު ލިޔާ މީހެކެވެ. އަދި ޕްރޮޑިއުސަރެއްގެ އިތުރުން އޭނާ އަކީ އިންޑިއާގެ ކޮމެޑީ ސްކެޗް ގުރޫޕް، "އޯލް އިންޑިއާ ބަކްޗޯޑް" ގެ ކޯ ފައުންޑާވެސްމެ އެވެ.