30 May 2016, 18:13
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ހައިކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
އޭނާ ސަސްޕެންޑު ކުރީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ޖޭއެސްސީް ބުނީ އިބްރާހީމް ރަޝީދު ސަސްޕެންޑު ކުރީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީ، އެ ކޮމިޝަންގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އުމުރުން 38 އަހަރުގެ އިބްރާހީމް ރަޝީދު ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އިބްރާހީމް ރަޝީދު ހައްޔަރުކުރި އިރު އޭނާ ހުރި ދިމާލު ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިބްރާހީމް ރަޝީދު ހައްޔަރުކުރުމަށްފަހު ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށް އަމިއްލަ ގަޔަށް ކުޑަކަމު ގޮސްފަ އެވެ.
ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ކަނޑައަޅާފައި ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާއި އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ދިރާސާއަށް ފަހު ކަމަށެވެ.