ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމުންތަކެއް ނިންމުމަށް އިދިކޮޅު ސިޔާސީ ލީޑަރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޮޑު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީ "އިޔާދަކުރުމަށް" އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން މަސައްކަތް ކުރާނެ އެޖެންޑާއެއް އެކުލަވާލުމަށް އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު ލަންޑަނުގައި މުހިންމު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސީ ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަންދޫބަކާއި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން މަންދޫބަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަންދޫބުންނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން މައުލޫމާތު ދެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް މަހްލޫފު އާއި، ކާނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް ނާޒިމް އާއި އަދާލަތުގެ ޑެޕިއުޓީ ލީޑަރު އަލީ ޒާހިރު ވަނީ އިއްޔެ ލަންޑަނަށް ފުރާވަޑައިގެންފަ އެވެ.

ބުދަ ދުވަހު އޮންނަ ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ "އިޔާދަކުރުމަށް" ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ހުދުމުހުތާރު ވެރިކަމަކަށް ގައުމު ބަދަލުވުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ލަންޑަނުގެ ގްރީން ޕާކުގައި ހުންނަ ރޯޔަލް އޯވާސީސް ލީގުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ފެށުމުގެ ގޮތުން ތަގުރީރު ކުރައްވާނީ ރައީސް ނަޝީދެވެ. އެއަށްފަހު އިދިކޮޅު ސިޔާސީ ލީޑަރުން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުރިހާ ލީޑަރުން ގަރާރެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.