މިފްކޯއިން މަސް ގަންނަ އަގަށް މިއަދު ބަދަލު ގެނައީ، މަހުގެ ޑިމާންޑު ވަގުތީ ގޮތުން އިތުރުވުމުގެ ސަބަބުން ކަމަށާއި އެ ޑިމާންޑަށް މަސް ނުލިބިއްޖެ ނަމަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިއަދު ވަނީ، މަސްވެރިންގެ އަތުން އެކުންފުންޏަށް މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ. މިއަދުން ފެށިގެން 1،500 ކިލޯ އަށް ވުރެ އިތުރަށް ކިރުވާ ކޮންމެ ކިލޯއެއް މިފްކޯ އަށް ގަންނާނީ ކިލޯއެއް 21.50 ރުފިޔާގެ މަގުންނެވެ. ނަމަވެސް އަދިވެސް 1،500 ކިލޯ އަށް ވުރެ މަދުން ކިރުވާނަމަ އަގަކީ ކިލޯއެއް 19 ރުފިޔާ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފްކޯގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ އަހްމަދު މިއަދު ވިދާޅުވީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި، ތައިލެންޑަށް މަސް އެކްސްޕޯޓު ކުރުމަށް ކެރިއަރު ބޯޓެއް އޮންނާނެ ކަމަށާއި މޫސުން ގޯސް ދުވަސްތަކެއް އައީ، އެ ބޯޓު ކޫއްޑޫއަށް އައި ފަހުން ކަމަށެވެ.

"މިވަގުތު އިތުރު ޑިމާންޑެއް އައީ، އަޅުގަނޑުމެން ކޫއްޑޫގައި މިވަގުތު ލޯޑުކުރަމުންދާ ކެރިއަރު ބޯޓަކަށް މަސް ނުލިބިގެން. މަސްވެރިކަން މިދޭތެރެއިން މޫސުން ގޯސްވުމާ ހަމައަށް ރަނގަޅަށް އޮތީ. މިފްކޯގެ ސްޓޯރޭޖާއި ޕްރޮސެސިންގ ފެސިލިޓީ ފުރިދާނެހެން ހީވާތީ އެ ބޯޓު ގެނައީ. އެޔަށް ލޯޑު ކުރަން ފެށި ފަހުން މޫސުން ގޯސްވެގެން މަސްވެރިކަން ދަށްވީ. އޭގެ ފަހުން މަސްވެރިން މަހަށް ފުރާ އަދަދު ވެސް ވަނީ ދަށްވެފައި،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޫއްޑޫގައި އޮތް ކެރިއަރު ބޯޓަށް އަދި އިތުރު 700 ޓަނުގެ މަސް ބޭނުންވާ ކަމަށާއި އެ އަދަދަށް މަސް ނުލިބިއްޖެ ނަމަ، ބޯޓު ނުފުރިފައި އޮންނަ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރައި، މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

"އެ ބޯޓު ފުރުވާނުލެވިއްޖިއްޔާ މިފްކޯއަށް ލިބޭ ގެއްލުން މާ ބޮޑުވާނެ. އެ ބޯޓު ފުރުވާލުމަކީ މީގެ އެންމެ މުހިންމު ފެކްޓާ،"

އަބްދުﷲ އިތުރަށް ވިދާޅުވީ، ފެލިވަރުގައި ހުންނަ މަސްދަޅު ބަންދުކުރާ ފެސިލިޓީގައި، މި ސަރުކާރު އައި އިރު ޕްރޮސެސް ކުރެވެނީ އެންމެ 10 ޓަނުގެ މަސް ކަމަށެވެ. ނަމަވެސް މިހާރު އެތަން އަޕްގްރޭޑު ކޮށް، 50 ޓަނުގެ މަސް ދުވާލަކު ޕްރޮސެސް ކުރުމުގެ ގާބިލިއްޔަތު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮސެސިންގ އިތުރުވީމަ، އޭރު ހިނގާ ޚަރަދަށް ވުރެ މިހާރު ހިނގާ ޚަރަދު ފަސް ގުނަ އިތުރުވާނެ. އެ އަދަދަށް މަސް ނުލިބެންޏާ ޚަރަދު ވެސް ބޮޑުވާނެ، ވާ ގެއްލުންވެސް ބޮޑުވާނެ. އެ ގެއްލުން ކުޑަކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަންޖެހޭ،"

އަބްދުﷲ ވިދާޅުވީ، މަސް ގަންނަ އަގަށް ގެނައި ބަދަލަކީ، މިވަގުތު މިފްކޯއިން މަހަށް ޑިމާންޑު ކުރާ މިންވަރަށް މަސް ހޯދުމަށް އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ.