މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މެއިން ސްޕޮންސަރަކަށް މި އަހަރު ވެސް އޭޑީކޭ ގްރޫޕު އަދި ކޯ ސްޕޮންސަރަކަށް އޭޑީކޭ ކޮމްޕެނީ ހަމަޖައްސައިފި އެވެ.

މާޒިޔާ އާއި އޭޑީއޭއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އޭޑިކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލެވެ. އަދި އޭޑީކޭ ކޮމްޕެނީގެ ބްރޭންޑް މަލިބާގެ ފަރާތުން ސޮއިކުރެއްވީ އޭޑީކޭ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ފަޒްލާ ހަސަން އެވެ. މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު އެވެ.

މާޒިޔާ އާއި އޭޑީއޭއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ރިފްޝާން

އޭޑީކޭ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވީ، މާޒިޔާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި މުސްތަގުބަލެއް ގާއިމްކޮށް އާ ކުޅުންތެރިންތަކެއް އުފައްދައި، ރާއްޖޭގެ ވަރަށް ކާމިޔާބު ކްލަބަކަށް ވެގެންދާނެ ކަމަށް ކުރިން ވެސް ގަބޫލުކުރެވުނު ކަމަށެވެ.

"މިހާރު އޭޑީކޭ ގްރޫޕުން މާޒިޔާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރާތާ މިއީ ތިންވަނަ އަހަރު. އޭގެ އިތުރުން ކޯ ސްޕޮންސަރެއްގެ ގޮތުގައި އަޅުގަނޑުމެން ފާއިވެދިޔަ ހަ އަހަރު މާޒިޔާއާއެކު އެގްރިމަންޓުގައި ސޮއިކުރިން. މީގެ ހަ އަހަރު ކުރިން ފުޓްބޯޅައިގައި އަޅުގަނޑުމެން ކޯ ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރި އިރު، އޭރު މާޒިޔާ ވިދާލާފައި ނެތް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް ގަބޫލުކުރެވިފަ އޮތީ މާޒިޔާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ހަމަގައިމު ވެސް މުސްތަގުބަލެއް ގާއިމްކޮށް ރަނގަޅު ކުޅުންތެރިންތަކެއް، އާ ކުޅުންތެރިންތަކެއް އުފައްދައި، ރާއްޖޭގެ ވަރަށް ކާމިޔާބު ކްލަބަކަށް ވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މާޒިޔާއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭޑީކޭ ގްރޫޕުގެ ފަރާތުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އައްފާލް (ކ) ވާހަކަދައްކަވަނީ --- ސަން ފޮޓޯ: އަލީ ރިފްޝާން

އައްފާލް ވިދާޅުވީ، ފުރަތަމަ މާޒިޔާއާއެކު މީގެ ހަ އަހަރު ކުރިން ކޯ ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރި އިރު އޭޑީކޭގެ އުންމީދަކަށް ވީ މާޒިޔާ ކުރިއަރައިގެން އަންނައިރު އޭޑީކޭގެ ހިއްސާއެއް އޮތުން ކަމަށެވެ.

"ވަރަށް އަލަށް ކަހަލަ ގޮތަކަށް ކްލަބު އުފެދިގެން އައިސް، މި މައިދާނަށް ނުކުންނާތީ އަޅުގަނޑުމެންގެ އުންމީދަކަށް ވެސްވީ ކުރިއަރައިގެން އަންނައިރު އަޅުގަނޑުމެންގެ ހިއްސާއެއް އޮތުން. އެގޮތުން އަޅުގަނޑުމެން މާޒިޔާއާއެކު ގުޅުން އުފެދި އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާއެކު ހިއްސާވަމުން މިދަނީ. އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ މި އަހަރު އެކަންޏެއް ނޫން، ކުރިއަށް އޮތްތާ ވެސް މި ދެންނެވި މާޒިޔާއާ އެއްކޮށް ދެމިތިބެން،" އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ، އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ނާޝިދަށް ކްލަބުގެ ސަޕޯޓަރުންނާއި، ކުޅުންތެރިން އަދި ޗެއާމަންގެ ފަރާތުން ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މާޒިޔާ އާއި އޭޑީކޭއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވުމަށްފަހު މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބު ވާހަކަދައްކަވަނީ --- ސަން ފޮޓޯ: އަލީ ރިފްޝާން

"ނާޝިދަކީ އަޅުގަނޑުމެންގެ ކްލަބަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެހީތެރިކަން ފޯރުކޮށްދިން ބޭފުޅެއް. އަޅުގަނޑުމެން ވޭތިކުރަމުން މިދަނީ އަޅުގަނޑުމެންގެ 20 ވަނަ އަހަރު. ކްލަބުގެ މާޒީގައި 20 ވަނަ އަހަރު ވޭތިކުރަމުންދާއިރު ކްލަބު އުފެދުނީއްސުރެ ގާތްގަނޑަކަށް ހައެއްކަ އަހަރު އަޅުގަނޑުމެންނާއެކު އެގްރިމަންޓުތަކުގައި ސޮއިކުރެވިގެން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމުންދިޔަ ބޭފުޅެއް ނާޝިދަކީ. ފުޓްބޯޅައަށް މިފަދަ ބޭބޭފުޅުން ހިދުމަތް ކުރުމަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އެ ބޭފުޅުންގެ އަމިއްލަ މަންފާއަކަށް ނުވަތަ އަމިއްލަ ފައިދާއަކަށް ކުރަމުންދާ ކަމެއް ނޫން މިއީކީ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ފުޓްބޯޅައިގެ ތެރެއަށް ވަދެ، މާޒިޔާއިން ދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފުޓްބޯޅައިގެ ތާރީހުގެ ތެރެއިން ޖާގަ ހޯދަމުންނެވެ. މި ސީޒަނަށް މާޒިޔާއިން ނުކުތީ ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު އެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އެ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.