30 May 2016, 17:37
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖައްސާ ފްލައިޓްތަކަށް ބޭނުންވާ ޖެޓްފިއުލް ކުރިއަށް އޮތް އަހަރު ވެސް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެއްބަސްވެއްޖެ އެވެ.
މީގެ ކުރިން ވެސް އެއާޕޯޓަށް ބޭނުންވާ ޖެޓްފިއުލް ފޯރުކޮށްދެމުން އައީ އެސްޓީއޯ އިންނެވެ. ކުރިން އެއްބަސްވި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ދެ ކުންފުނިން ވަނީ އަލުން އެކަމާ މަޝްވަރާކޮށް ކުރިއަށް އޮތް އަހަރަށް ވެސް އެ ދެކުންފުނި ގުޅިގެން އެކަން ކުރަން ނިންމާފަ އެވެ.
އެގޮތުން އެސްޓީއޯ ހެޑްއޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އައިއެންއައިއޭ އޮޕަރޭޓްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ ފާއިތުވި ދެ އަހަރުވެސް އެސްޓީއޯ އިން ވަނީ އެމްއޭސީއެލްއަށް ބޭނުންވާ ތެލުގެ ބާވަތްތައް ފޯރުކޮށްދީފައި ކަމަށެވެ.
ޝަހީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުވެސް އެމްއޭސީއެލް އަށް ހިތްހަމަޖެހޭ ގޮތަކަށް ތެޔޮ ފޯރުކޮށްދެވުނު ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެކަން އެންމެ ފުރިހަމައަށް ކުރައްވަން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ދެލައްކަ މެޓްރިކްޓަނުގެ ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އެ މަސައްކަތް އެމްޓީއޯއަށް މަތިކޮށްފައި ވަނީ އެ ކުންފުންޏަކީ ތެލުގެ ކޮލިޓީ އާއި ސްޓެންޑަޑްތައް ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެއްވެސް މައްސަލައެއް ނުޖެހި ސަޕްލައިކޮށްދިން ފަރާތް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތާގައި ވެސް އެ ކޮލިޓީގައި ތެޔޮ ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށް އާދިލް ވިދާޅުވި އެވެ.