30 May 2016, 16:57
ސުޕީރިއާ ތިން ކޯޓެއްގެ ހަތަރު ފަނޑިޔާރަކު އެކި ކޯޓުތަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފާސްކޮށްފި އެވެ.
ޖޭއެސްސީން ބުނީ އެގޮތަށް ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުށަހެޅުމެއްގެ މަތިން ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހީމް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށްފަހު ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށްފަހު ޖުވެނައިލް ކޯޓުގެ ގާޒީ އައްޝައިޚް މުހައްމަދު ނައީމް ޑްރަގް ކޯޓަށް ބަދަލުކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ގދ. ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރަން ވަނީ ފާސްކޮށްފަ އެވެ. އަދި ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ޣަފޫރު ވ. ކެޔޮދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ނިންމުމަށް އެ ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ މިއަދުން ފެށިގެން 15 ދުވަސް ފަހުން ކަމަށް ޖޭއެސްސީން ބުންޏެވެ.