14 May 2011, 17:55
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބް ގދ. ތިނަދޫ އަށް ވަޑައިގަތުމުން އެ ރަށު ފާލަންމަތީން އޭނާގެ ގަޔަށް ބަޔަކު އަތްލައި ވެލިޖަހައި ހަދައިފި ކަމަށް އެ ރަށު ބަޔަކު މިއަދު ބުނެފި އެވެ.
ނަން ހާމަކުރަން ބޭނުންނުވާ ތިނަދޫ މީހަކު ސަން އަށް މައުލޫމާތުދެމުން ދާދި ދެންމެއަކު ބުނީ މިއަދު ހަވީރު ފަހެއް ޖަހާއެހާކަންހާއިރު މުއްތޮލިބު އެ ރަށަށް ވަޑައިގަތުމުން އޭނާ އަށް ހަމަލާދިނީ އެ ރަށުގައި އެމްޑީޕީ އަށް ސަޕޯޓްކުރާ މީހުންގެ ތެރެއިން 20 ވަރަކަށް މީހުން ކަމަށާއި އެމީހުން އޭނާގެ ގަޔަށް ވެލިއުކައި ގަޔަށް އަތްލައި ހެދި ކަމަށާއި އަދި އެ ހަމަނުޖެހުމުގައި މުއްތޮލިބަށް ޖިސްމާނީ ގޮތުން ކޮންމެވެސް ވަރަކަށް އަނިޔާވި ވެސް ކަމަށެވެ.
"އެމީހުން މުއްތަލިބު ޖެޓީ އަށް ފައިބައިވަޑައިގަތުމުން ވެލިއުކާ ހެދީ. އޭނާގެ އައިނުކޮޅު ވެސް ބިންމައްޗަށް ވެއްޓުނު،" އޭނާ ބުންޏެވެ.
ތިނަދޫ ރަށު ކައުންސިލްގެ މެންބަރު އަހުމަދު ނަސީރު މިއަދު ވިދާޅުވީ މުއްތޮލިބު އެ ރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ޖެޓީއަށް ދިޔަ ކަމަށާއި އެތަނުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް އެނގިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއްތޮލިބު ރަށަށް އަރާވަޑައިގަތުމުން، ރައްޔިތުންގެ ތެރެއިން ބަޔަކު އެތަނަށް ދިޔައީ އޭނާ އެ ރަށަށް އެރިޔަނުދޭން ކަމަށް އެތަނަށް ދިޔަ ބައެއް މީހުން ބުނޭ. އެމީހުން ބުނީ މުއްތޮލިބަކީ ކޮންމެ ފަހަރަކު ވެސް މަޖިލީސްގައި ރައްޔިތުންނަށް ފައިދާވާ ކަމެއްގައި ވޯޓެއް ނަގާއިރު ވޯޓް ވިއްކާ މީހެއް ކަމަށް،" އެމްޑީޕީން ކައުންސިލަށް ހޮވިފައިވާ ނަސީރު ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން މުއްތޮލިބަށް ސަން އޮންލައިނުން ގުޅުމުން، މާލެވަޑައިގަތުމަށް ކަނޑުމަތީގައި ހުންނަވައި ވިދާޅުވީ އެ ރަށަށް އޭނާ ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށާއި އެކަމާ ބެހޭ ތަފްސީލް މީޑިއާ އަށް މާލެ ވަޑައިގެންފައި ދެއްވާނެ ކަމަށެވެ. ނަމަވެސް އެކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މުއްތޮލިބަށް ތިނަދޫން ބަޔަކު ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހްޤީޤްކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެއްވި އެވެ.