ރާއްޖޭގެ މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މިދިޔަ އަހަރު ކުރި މާލީ ޚަރަދުތަކާ އެކު، އެ ޕާޓީގެ މިދިޔަ އަހަރުގެ މަލީ ބަޔާން އާންމުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީގެ އަހަރީ އޮޑިޓް ރިޕޯޓު އޮޑިޓާ ޖެނެރަލަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާން ޖެހެ އެވެ. އަދި ހަމަ އެއާ އެކު، ޕާޓީގެ މާލީ ހިސާބުތައް ޕާޓީގެ މެމްބަރުންނަށް އެނގޭ ގޮތަށް އާންމު ކުރަން ޖެހޭކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓުކޮށް، އެ ހިސާބުތައް އާންމުކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ މިދިޔަ އަހަރުގެ އޮޑިޓް ހަދާފައި ވަނީ އާންސްޓް އެންޑް ޔަންގް އޮޑިޓް ފާރމްއިންނެވެ.

އެމްޑީޕީގެ ހިސާބުތައް ދައްކާ ގޮތުގައި، އެ ޕާޓީއަށް މިދިޔަ އަހަރު ލިބިފައިވާ ޖުމްލަ އާމްދަނީޢަކީ 11.6 މިލިޔަން ރުފިޔާ އެވެ. އެއީ ދައުލަތުގެ ބަޖެޓުން ލިބުނު 6.9 މިލިޔަން ރުފިޔާއާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ 4.7 މިލިޔަން ރުފިޔާ އެވެ.

އެމްޑީޕީން މިދިޔަ އަހަރު އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ، އެ ޕާޓީއިން ކުރިޔަށް ގެންދިޔަ "އިންސާފުގެ ދަތުރު" ކެމްޕޭނަށެވެ. އެ ކެމްޕޭނަށް 2.7 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު، ޕާޓީގެ އެހެނިހެން ޕްރޮމޯޝަން މަސައްކަތްތަކަށް 1.8 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މުސާރަ އާއި ޚަރަދުތަކަށް 1.1 މިލިޔަން ރުފިޔާގެ އިތުރުން، އެ ޕާޓީގެ އޮފީސް އިމާރާތަށާއި ހަރުގޭގެ ކުއްޔަށް ނުވަ ލައްކަ ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

އެ ޕާޓީއިން މިދިޔަ އަހަރު ކުރި ޖުމްލަ ޚަރަދުތައް 8.6 މިލިޔަން ރުފިޔާއަށް އަރަ އެވެ.