30 May 2016, 16:21
މިދިޔަ އަހަރު ޖޫން މަހު ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މައްސަލައިގައި ބާންދު ޝަހުމިޔާ މަރާލިކަމަށް، ދައުވާ ލިބޭ ލ. ގަން ރެޑްފިޝް އަލީ ހަމްޒާ އެއްބަސްވެފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފުލުހަކު މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.
އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ހަމްޒާ ހައްޔަރު ކުރީ، ބާންދު ޝަހުމިޔާގެ ފޯނު ޓްރޭސް ކޮށްގެން ލިބުނު މައުލޫމާތުން، ބިދޭސީ މީހާ މަރާލުމުގައި ހަމްޒާ ބައިވެރިވިކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.
އެގޮތުން ފޯނު ޓްރޭސް ކޮށްގެން ބެލި އިރު، ބާންދު ޝަހުމިޔާގެ ފޯނު ފެނިފައި ވަނީ ބިދޭސީއެއްގެ އަތުން ކަމަށާއި، އެއީ އެމީހާއަށް ވިއްކި ފޯނެއް ކަމުގައި ބުނުމުން، އިތުރަށް ހޯދި ހޯދުމުން ބާންދު ޝަހުމިޔާގެ ފޯނު ވިއްކުމުގައި ހަމްޒާ ބައިވެރިވިކަން އެނގުނު ކަމަށް ހެކިބަސް ދެމުން އޭނާ ބުނެފައިވެ އެވެ.
އަދި ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ބާންދު ޝަހުމިޔާ މަރާލި ގޮތް މުއްދަތު މަޖިލީހުގައުި ކިޔައިދީފައިވާ ކަމަށާއި، އަދި ފުލުހުންގެ ތަހުގީގުގައިވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. ފުލުސް މީހާ ބުނީ ތަހުގީގު ކުރިއަށް ދިޔައީ ހަމްޒާ އަށް ލިބެންޖެހޭ ހައްގުތައް ރަނގަޅަށް ކިޔައިދީފައި ކަމަށާއި އެއްވެސް މަޖުބޫޫރެއް ކުރުވާފައި ނުވާނެ ކަމަށެވެ.
ފުލުސް މީހާ ބުނީ ބިދޭސީ މީހާ މަރާލި ދުވަހު ހަމްޒާ ޑަންލޮޕް ބޭނުން ކުރުމަށް ފަހު ޑަންލޮޕް ދަޅާއި އެކު ބިދޭސީ މީހާ ނިދާފައި އޮތް ގޭގެ ފާރުމަތިން އެގޭ ތެރެއަށް ފުންމާލި ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
ގޭ ތެރެއަށް ފުންމާލި އިރު ބިދޭސީ މީހާ ނިދާފައި އޮއްވައި ފެނުނު ކަމަށާއި، ދެން ޑަންލޮޕް ދަޅު ބެހެއްޓުމަށް ފަހު ލަކުޑި ބުރިއަކުން ބިދޭސީ މީހާގެ މޫނު މަތީގައި ތިން ފަހަރު ޖެހި ކަަމަށާއި، އެއަށް ފަހު ފާރުމަތިން ފުންމާލައިގެން ދިޔައީ ކަމަށް ހަމްޒާ ބުނި ކަމަށް ހެކިވެރިޔާ ޝަރީއަތުގައި ކިޔައިދިނެވެ. އަދި ލަކުޑި ބުރި ފަޅު ގެ އެއްގެ ތެރެއަށް އެއްލާލި ކަމަށްވެސް ހަމްޒާ ވަނީ ތަހުގީގުގައި ބުނެފަ އެވެ.
މިއަދު ވަނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ބައެއް އެހެން ފުލުހުންގެ ހެކިބަސް ވެސް ނަގައިފަ އެވެ. އެގޮތުން ބާންދު ޝަހުމިޔާ މަރާލާފައި އޮއްވައި ފެނުނު ގެއާއި ކައިރި ސަރަހައްދަކުން ލޭ ހޭކިފައި އޮތް ލަކުޑި ބުރި އެއް ފެނުނު ކަމަށް ބުނެ ދެ ފުލުހަކު މިއަދު ވަނީ ހެކިބަސް ދީފަ އެވެ.
އަދި ހަމްޒާ ކިޔައިދީފައިވާ ގޮތަށް، ބާންދު ޝަހުމިޔާ މަރާލާފައި އޮތް ސަރަހައްދުން ޑަންލޮޕް ދަޅެއް ހޯދި ފުލުހަކާއި، މަރުގެ ހާދިސާ ހިނގި ސަރަހައްދަށް ފުރަތަމަ ދިިޔަ ދެ ފުލުހެއްގެ ހެކިބަސްވެސް ވަނީ ނަގައިފަ އެވެ.
ދެން އޮތް ޝަރީއަތުގައި އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ.
ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާގައި ބުނެފައިވަނީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައިވާ ކަމަށެވެ.