31 May 2016, 08:54
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "އޯކޭ ޖާނޫ" ގެ ޝޫޓިންގ ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިންގ ނިމިފައިވާކަން، އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ޝްރައްދާ ކަޕޫރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ނިންމާލާފައި ވަނީ 35 ދުވަހުގެ ތެރޭގަ އެވެ.
ްޝްރައްދާ އަދި އަދިއްތުޔަ ރޯއި ކަޕޫރު އެކުގައި ފެނިގެންދާ އެ ފިލްމުގެ ޝޫޓިން ނިމުމުން، ރޭ ވަނީ ޕާޓީއެއް ބާއްވައި އެކަން ފާހަގަ ވެސް ކޮށްފަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ އެ ފިލްމު ޑައިރެކްޓު ކުރަނީ "ބަންޓީ އޯރު ބަބްލީ" ގެ ވެސް ޑައިރެކްޓަރު ޝާދު އަލީ އެވެ.
ފިލްމުގެ ޑައިލޮގުތަކާއި، ފިލްމުގެ ލަވަތައް ލިޔެފައި ވަނީ ގުލްޒާރު އެވެ. މިއުޒިކް ތައްޔާރުކޮށްދިނީ އޮސްކާ އެވޯޑު ހޯދާފައިވާ އޭއާރު ރެހެމާން އެވެ.
އެ ފިލްމަކީ މާނީ ރަތުނަމްގެ ތަމިލް ފިލްމު "އޯ ކަދަލް ކަންމަނީ" ގެ ރީމޭކެކެވެ.
"އޯކޭ ޖާނޫ" ވެގެންދާނީ 2013 ވަނަ އަހަރު ނުކުތް ލޯބީގެ ކާމިޔާބު ފިލްމު "އާޝިގީ 2" އަށް ފަހު ޝްރައްދާ އަދި އަދިއްތުޔަ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ި