30 May 2016, 14:26
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު (މީހާ އުޅޭ ގޮތް މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު) ނެރެން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އަންގައިވައިފި އެވެ.
ހޯމް މިނިސްޓްރީ އިން ވަނީ އެ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެން މިނިސްޓަރު އަންގަވާފައި ވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް އުމަރު އަންގަވާފައިވާ އިރު ރާއްޖޭގައި އުޅޭ ގޭންގު ލީޑަރުން މިހާރު ކުރަމުންދާ ނުރަނގަޅު މަސައްކަތްތައް ހުއްޓާލައި، އާއްމު ހާލަތަށް ރުޖޫއަވުމަށް އުމަރު ވަނީ މީގެ ކުރިން އިލްތިމާސް ކުރައްވައިފަ އެވެ.
އަދި ފަހަކަށް އައިސް މާލޭގައި ހިނގި ގްރޫޕު މާރާމާރީތަކުގައި ހިމެނޭ އެންމެން ހޯދައި، ގޭންގު ލީޑަރުންގެ މައްޗަށް އަމުރު ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓަރުގެ އެދިވަޑައިގަތުމަށް މިހާރު ވެސް ގިނަ ބައެއްގެ މައްޗަށް ވަނީ މޮނިކޮން އަމުރު ނެރެފަ އެވެ. އުމަރުގެ އެދިވަޑައިގަތުމުގެ މަތިން ފުލުހުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މޮނިކޮން އަމުރު ނެރެފައިވާ މީހުންނަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް ކުރުމުގެ ސަބަބުން އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެކެވެ.
މޮނިކޮން އަމުރުނެރެން ހޯމި މިނިސްޓަރު ނިންމެވުމާ އެކު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން މިހާތަނަށް 12 މީހެއްގެ ފައިގައި ވަނީ ޓެގް އަޅުވާފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެ ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސް ދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވިދާނެ އެވެ.
އެ އަމުރާ ޚިލާފު މީހެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުން ގޮތެއް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފެނިގެން އެކަމަށް ލިޔުމަކުން ކޯޓުގައި އެދިއްޖެ ނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭނެ އެވެ.
އެގޮތުން، މޮނިކޮން އަމުރާ ހިލާފުވި މީހަކު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ޖަލުގައި ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ގ. ޝާރާޒް، މުޙައްމަދު މަފާޒް ހުސައިން އެވެ.
މޮނިކޮން އަމުރު ނެރެ ޓެގް އަޅުވާފައިވާ މީހުން މޮނިޓާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް:
- ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުން.
- ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން.
- އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުން.
- އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.
- އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން.
- ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން.
- އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން.
މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން އެ މީހުންނަށް އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެ ކަމަށް ފުލުހުން ބުނެ އެވެ.