30 May 2016, 14:09
ލ. ކުނަހަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އަބްދުﷲ މައުރޫފް ހައްޔަރުކުރި މަންޒަރު ފޮޓޯ ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އަސްމާއު އަބޫބަކުރު މިއަދު ސަން އަށް ވިދާޅުވީ ރޭ 11:30 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ލ. ގަމުން އެރަށް ދިޔަ ފުލުހުންގެ ޓީމަކުން މައުރޫފް ހައްޔަރުކޮށްގެން ގެންދަނިކޮށް އެމަންޒަރު ފޮޓޯ ނެގީ އެރަށު ފިނިފެންމާގޭ މުހައްމަދު އަޝްރަފް ކަމަށެވެ.
"މުހައްމަދު އަޝްރަފް ހައްޔަރުކޮށްގެން މިހާރު ވަނީ މިއަތޮޅު މާމެންދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. ކުށެއް ކަމަށް ބުނަނީ އަބްދުﷲ މައުރޫފް ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފޮޓޯ ނެގުން،" އަސްމާއު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޗެކްކުރުމަށްފަހު އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އެފަދަ މަންޒަރުތައް ފޮޓޯ ނެގުމަކީ ކުށަކަށް ނުވާއިރު، ފޮޓޯ ނަގާ މީހުން ހައްޔަރުކުރާ މައްސަލަ މިހާރު ވަނީ އާންމު ކަމަކަށްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރިން ފުލުހުން ސައިކަލްތަކެއް ޓޯކުރަނިކޮށް އެމަންޒަރު ފޮޓޯ ނެގި އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެ އަންހެން މީހާ ހައްޔަރުކޮށް ދެ ގަޑި އިރު ފުލުހުންގެ އިދާރާގައި ހިފެހެއްޓުމަށްފަހު އޭނާ ކުރީ ކުށެއް ނޫން ކަމަށް ބުނެ ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލަ މިހާރު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފަ އެވެ.