ލަަންކާ އަށް މި މަހުގެ ތެރޭގައި ކުރި ވިއްސާރައިގާ ލިބުނު ގެއްލުންތަކަށް އެހީވުމަށް ޗައިނާ އިން 2.28 މިލިއަން ޑޮލަރުގެ އެހީގެ ތަކެތި ހަދިޔާކުރަން ނިންމައިފި އެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ، އެ ގައުމުން ލަންކާ އަށް ހަދިޔާކުރާ 15 މިލިއަން ޔުއާން (2.28 މިލިއަން އެމެރިކާ ޑޮލަރު)ގެ އެހީގެ ތަކެތީގެ ތެރޭގައި މިހާރުން މިހާރަށް ބޭނުންވާ ބައެއް ސާމާނުތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓެންޓާއި ފަތް ޖެހޭ އެނދު ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ތަކެތި ލަންކާ އަށް ފޮނުވާނީ ޗާޓާޑް ފުލައިޓެއްގަ އެވެ.

ޗައިނާ އިން ވަނީ މިދިޔަ ހުކުރު ދުވަހު ވެސް ލަންކާ އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ފައިސާގެ އެހީއެއް ހަދިޔާ ކުރަން ވެސް ނިންމާފަ އެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ މީގެ ކުރިން ވިދާޅުވީ، ލަންކާ އަށް ކުރި ވިއްސާރައިގާ އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތައް ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި 100 މީހުން މަރުވެފައިވާ އިރު، ފަސް ލައްކަ މީހުންނަށް އެކަމުގެ އަސަރު ވަނީ ކޮށްފަ އެވެ.