ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށްޓަކައި ޕެނަމާއާ ދެކޮޅަށް ރަށުން ބޭރުގައި ބްރެޒިލް ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ޕެނަމާގެ ޑިކްސް ސްޕޯޓިން ގުޑްސް ޕާކުގައި ރޭ ކުޅުނު މެޗުގައި ޕެނަމާގެ މައްޗަށް ބްރެޒިލް ކުރި ހޯދީ 2-0 ލަނޑުންނެވެ.

އެ މެޗުގައި ބްރެޒިލްގެ ފުރަތަމަ 11 ގައި ހިމެނި ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ޑިފެންޑަރު ޑަނީ އަލްވޭސް އާއި، ވުލްސްބާގުގެ ލުއިޒް ގުސްޓާވޯ އާއި، ޗެލްސީގެ ވިލިއަން އަދި ލިވަޕޫލްގެ ފިލިޕޭ ކޯޓީނިއޯ ފާހަގަކޮށްލެވެ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށްޓަކައި ޕެނަމާއާ ދެކޮޅަށް ރަށުން ބޭރުގައި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ބްރެޒިލްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ކޯޓީނިއޯ ދިން ބޯޅައަކުން ބްރެޒިލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެންފީކާ ފޯވަޑް ޖޮނަސް އެވެ. އެއީ 2011 ވަނަ އަހަރަށްފަހު ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ބްރެޒިލްގެ ލިވަޕޫލް ތަރި ކޯޓީނިއޯ އާއި ޗެލްސީ ތަރި ވިލިއަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގެ ކުރީކޮޅުގައި ބްރެޒިލް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ހަލްކް އަށް ލިބުނު ފުރުސަތުން އޭނާ އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ޕެނަމާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށްޓަކައި ޕެނަމާއާ ދެކޮޅަށް ރަށުން ބޭރުގައި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 73 ވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ބްރެޒިލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަންޓޯސްގެ ފޯވަޑް ގެބްރިއަލް އެވެ. އެ މެޗަކީ ގެބްރިއަލް ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

އެމެރިކާގައި މި ފެށޭ މަހުގެ ތިން ވަނަ ދުވަހު ފަށާ ކޮޕާ އެމެރިކާގެ "ގްރޫޕު ބީ"ގައި ބްރެޒިލް ލައްވާލީ އިކުއެޑޯ އާއި، ހައިޓީ އަދި ޕެރޫއާ އެކު އެވެ.