14 May 2011, 16:57
ރަށުން ބޭރަށް ނުގޮސް ތ. ތިމަރަފުށީގެ ރައްޔިތުންނަށް އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ދިނުމަށް އެ ރަށު ކައުންސިލުން ޕްރޮގްރާމެއް ފަށައިފި އެވެ.
ތިމަރަފުށީ ކައުންސިލް ރައީސް ޖައުފަރު ރަޝީދު މިއަދު ވިދާޅުވީ، ތ. އަތޮޅުގައި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ދެނީ އެ އަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާ އިން ކަމަށެވެ. އެގޮތުން ފޯމު ފުރުމަށް ފަހު، އެ މައުލޫމާތު މާލެ ފޮނުވުމުން އައިޑީކާޑުތައް ހަދައިފައި މާލެއިން ފޮނުވަނީ ވޭމަންޑޫ އިދާރާ އަށް ކަމަށް ޖައުފަރު ވިދާޅުވި އެވެ. ނަމަވެސް، އައިޑީކާޑު ހަދަން ނުވަތަ އާކުރަން ޖެހޭ ކޮންމެ ފަހަރަކު ތިމަރަފުށި ރައްޔިތުން ވޭމަންޑު އަށް ދަތުރުކުރަން ޖެހޭތީ، ޝަކުވާ ކުރަމުންދާ ކަމަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދިނުމަށް ތިމަރަފުށި ކައުންސިލް އިދާރާގައި އައިޑީކާޑު ފޯމު ފުރުމުގެ ހިދުމަތް ދޭން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު މި ފެށީ ތިމަރަފުށި އިދާރާގައި އައިޑީކާޑު ހެދުމުގެ މަސައްކަތް. ވޭމަންޑޫގައި ހުންނަ އައިޑީ ޔުނިޓުގެ މުވައްޒަފުން މިކޮޅަށް ]ތިމަރަފުއްޓަށް[ އައިސް، މީހުންގެ ފޯމް ފުރުމުގެ ކަންތައް ކުރިއަށްގެންދިޔައީ. ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދިޔައީ ދަތުރުކުރަން ނުޖެހޭތީ،" ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ، މިއަދު މެންދުރާ ހަމައަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ދަށުން ތިމަރަފުށީގެ 280 މީހަކު އައިޑީކާޑު ހެދުމަށް ރަށު ކައުންސިލް އިދާރާއަށް ދިޔަ ކަމަށެވެ. ރަށުން ބޭރަށް ނުގޮސް، ހިދުމަތް ލިބޭތީ އެމީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ތިމަރަފުށި ކައުންސިލުން ފާހަގަކުރެ އެވެ.
"ގިނަ އަދަދެއްގެ އަންހެނުންނާ ކުޑަކުދިން އައިޑީކާޑު ހައްދަން އައި. އެމީހުން މައުލޫމާތު މާލެ ފޮނުވީ، އައިޑީކާޑު ހަދައިފަ ވޭމަންޑޫއަށް ފޮނުވާނީ. އޭރުން އަޅުގަނޑުމެން އެ ކާޑުތަކާ ހަވާލުވެފައި ތިމަރަފުށީ ކައުންސިލް އިދާރާއިން ދޫކުރާނީ. އޭރުން އެ ކާޑު ބަލައި މީހުން ދަތުރުކުރާކަށް ވެސް ނުޖެހޭނެ،" ޖައުފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީހުންގެ ތަރުހީބު ލިބޭ ވަރަކުން އެ މަސައްކަތް ތަކުރާރުކުރުމަށް ވިސްނަމުންދާ ކަމަށެވެ.