01 May 2010, 12:44
ގައުމީ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި މާދަމާ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ގައުމީ ޕާޓީން ބުނީ ކުރިން ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް، އަދި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ވެސް މިހާރު ބޭއްވުމަށް ހަމަޖައްސާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގައި ކަމަށެވެ. އަދި މާދަމާ ބާއްވާ އެ ޕާޓިގެ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 144 މަންދޫބުން މިހާރު މާލެއައިސްފައިވާ ކަމަށް އެޕާޓީން ބުނެ އެވެ.
ގައުމީ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އެޕާޓީގެ ރައީސާއި، ނައިބު ރައީސުން އަދި ޕާޓީގެ ކައުންސިލްގެ މެމްބަރު ކަމަށާއި އެހެނިހެން އިސްމަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުން އޮންނާނެ ކަމަށް އެޕާޓީން ބުނެ އެވެ. މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުންވެސް އޮންނާނެ ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.