30 May 2016, 13:06
މެކްސިކޯ ސިޓީ (މޭ 30): ހޮނިހިރު ދުވަހު ވަގަށް ނެގި މެކްސިކޯގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލަން ޕަލީޑޯ ރޭގެ ވަގުތެއްގައި ސަލާމަތްކޮށްފައިވާ ކަމަށް މެކްސިކޯގެ ފުލުހުން ބުނެފި އެވެ.
ހަތިޔާރު އަޅައިގެން، މޫނު ފޮރުވައިގެން ތިބި ބަޔަކު ޕަލީޑޯ ވަގަށް ނެގީ އޭނާ ދިރިއުޅޭ ސިއުޑާޑް ވިކްޓޯރިއާއިންނެވެ. މީގެ ކުރިން މެކްސިކޯގެ ގައުމީ ޓީމަށް ކުޅެފައިވާ އަދި މިހާރު ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ ޕަލީޑޯ ވަގަށް ނެގީ ޕާޓީއަކުން ގެޔަށް ދިޔަ މަގުމަތީގަ އެވެ.
ސިއުޑާޑް ވިކްޓޯރިއާ އޮންނަ ޓަމައުލިޕަސް ސްޓޭޓުގެ ސެކިއުރިޓީ ކޯޑިނޭޝަން ގްރޫޕުން ބުނި ގޮތުގައި ޕަލީޑޯގެ ސިއްހީ ހާލަތު ރަނގަޅުތޯ ބެލުމަށް މިހާރު ދަނީ ޓެސްޓުތައް ހަދަމުންނެވެ. ނަމަވެސް، އޭނާ ވަގަށް ނެގުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އިތުރު ތަފްސީލު ދީފައި ނުވެ އެވެ.
މެކްސިކޯއަކީ ކޮންމެ އަހަރަކު އެންމެ ގިނައިން މީހުން ވަގަށް ނަގާ އެއްގައުމެވެ. އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެގައުމުން ކޮންމެ އަހަރަކު 1،000 ވުރެ ގިނަ މީހުން ވަގަށް ނަގަ އެވެ. (އޭޕީ)