ސޮނީ އިން އަލަށް ފަށާ ޑާންސް ރިއަލިޓީ ޝޯ "އިންޑިއާސް ސުޕާ ޑާންސާ"ގައި ފަނޑިޔާރުންގެ ބެންޗުން ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީ ފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ޝިލްޕާ އަކީ މީގެ ކުރިން ވެސް "ނަޗު ބަލިޔޭ،" "ޒަރަ ނަޗްކެ ދިކާ" އަދި "ޖަލަކް ދިކްލާޖާ" ފަދަ ނެށުމުގެ ޝޯތަކުގައި ފަނޑިޔާރުންގެ ބެންޗުން ފެނިފައިވާ ފަންނާނެކެވެ. އެ ޝޯ ތަކުގައި ޝިލްޕާ މުޅިން ވެސް މާކުސް ދީފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ނެށުމުގެ ހުނަރަށެވެ.

ނަމަވެސް މިފަހަރު ޝިލްޕާ ތައްޔާރުވެފައި ވަނީ ކުޑަކުދިންގެ ނެށުމުގެ ހުނަރު ބަލައި މާކްސް ދިނުމަށެވެ.

އެ ޝޯއާ ގުޅިގެން ޝިލްޕާ ބުނީ އޭނާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށާއި، އަދި ކުޑަކުދިންނަކީ ހުނަރުން ފުރިގެންވާ ބައެއް ކަމަށާއި ލިބުނު ފުރުސަތާ މެދު އުފާވާ ކަމަށެވެ.

ޝިލްޕާ ޝެޓީ: ކުޑަކުދިންގެ ޑާންސް ޝޯވ އަކުން ޝިލްޕާ ފެނިގެންދާނެ ---

"މިއަދުގެ ކުޑަކުދިންގެ ކިބައިގައި ހުންނަ ހުނަރަކީ އެހެން ބަޔަކާ އަޅާކިޔޭނެ އެއްޗެއް ނޫން. އެހާވެސް ހުނަރުވެރި ކުދިން އެބަތިބި. އަބަދުވެސް އެ ކުދިންގެ ފަރާތުން ކަންކަން ދަސްކުރެވޭނެ. އަދި އެ ކުދިންގެ މައުސޫމު ކަމަކީވެސް އިތުރު މުނިފޫހިފިލުވުމެއް،" ޝިލްޕާ ބުނެފައިވެ އެވެ.

އެ ޝޯގައި ޝިލްޕާ އާއެކު އިތުރު ދެ ފަނޑިޔާރުން ބައިވެރިވި ނަމަވެސް، އެ ދެ މީހުން އަދި ފައިނަލް ވެފައެއް ނުވެ އެވެ.

ޝިލްޕާ ޝެޓީ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2007 ވަނަ އަހަރު ނުކުތް ފިލްމު "އަޕްނޭ" އިން އެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ނުކުތް ފިލްމު "ދޯސްތާނާ" އަދި 2014 ވަނަ އަހަރު ނުކުތް ފިލްމު "ޑިޝްކިޔާއުން" ގައި ޝިލްޕާ ފެނިފައި ވަނީ ހާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.