މިއަހަރު ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ގެޒެޓްގައި އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނީ އަށްވަނަ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކަށް އެކަމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު 16 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ސާކިއުލާގައި ބުނީ އެކަމަށް އެދި ހުށަހަޅާ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އެގޮތުން މިއަހަރު ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ފުރުސަތު ހުޅުވާލީ މާލޭން ދެކުނުގެ ރަށްތަކަށް ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހުށަހަޅާ ރަށަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މިއަހަރު އެ ރަށެއްގައި ފާހަގަކުރާ ރަށަކަށް ނުވުމާއި އެރަށެއްގައި މީގެކުރިން ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވާނަމަ އޭގެ ފަހުން ފަސް އަހަރު ވެފައިވާ ރަށަކަށް އެރަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދަނޑުވެރިންގެ ދުވަސް ބާއްވާ ރަށެއްގެ އުމްރާނީ ތަރައްގީއަށް މާލީގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި މިނިސްޓްރީން ހަރަދުކުރާނީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އެރަށެއްގައި ކުރެވެން ހުރި ކަންތައްތަކެއް ކުރުމަށްކަމަށެވެ. އޭގެ އިތުރުން ދަނޑުވެރިންގެ ދުވަހާ ގުޅުންހުރި ހަރަކާތްތަކާއި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހިންގޭ ތަފާތު ޕްރޮގްރާމްތައް އެ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ ރަށުގައާއި އެރަށެއް ހިމެނޭ އަތޮޅުގެ އެހެން ރަށްރަށަށް އަމާޒުކުރުމުގެ ވިސްނުން އެ މިނިސްޓްރީން ގެންގުޅޭކަމަށް ވެސް ސާކިއުލާގައިވެ އެވެ.