30 May 2016, 12:55
ލަންޑަން (މޭ 30): މުޅި ދުނިޔެއިން ކޮރަޕްޝަން އެންމެ އާއްމު ގައުމަކީ އިނގިރޭސިވިލާތް ކަމަށް މާފިއާތަކާ ބެހޭ މާހިރެއް އަދި ނޫސްވެރިއެއް ކަމަށްވާ، ރޮބާޓޯ ސަވިއާނޯ ބުނެފި އެވެ.
އިޓަލީގެ ބާރުގަދަ މާފިއާއެއް ދިރާސާކޮށް އެމާފިއާ ވިއުގައިން ހިންގާ ގާނޫނާ ހިލާފު ކަންތައްތައް ހާމަ ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަ ކޮށްފައިވާ ސަވިއާނޯ ބުނީ ދުނިޔޭގެ ކޮރަޕްޝަނުގެ ހިތަކީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ކަމަށެވެ.
"[އިނގިރޭސިވިލާތުގައި] ކޮރަޕްޓް ވެފައި ވަނީ ބިއުރޯކްރަސީއެއް ނޫން، ފުލުހުންނެއް ނޫން އަދި ސިޔާސީ މައިދާނެއް ވެސް ނޫން. ކޮރަޕްޓުވެފައި ވަނީ ފައިނޭންޝިއަލް ކެޕިޓަލް [ލަންޑަން]. ލަންޑަނުގައި ވިޔަފާރި ކުރާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ މައި އޮފީސް ހުންނަނީ ބޭރު ގައުމެއްގަ،" ސަވިއާނޯ ބުންޏެވެ.
ސަވިއޯނީ ބުނި ގޮތުގައި އެ އޮފީސްކަކީ މަނީ ލޯންޑާކޮށްގެން ކުށް ކުރުން އިތުރު ކުރުމަށް އެންމެ ބާރުދޭ އެއް ދާއިރާ އެވެ. އަދި އިނގިރޭސިވިލާތް، އީޔޫ އިން ވަކިވުމަކީ ކޮރަޕްޝަނާއި ރާވައިގެން ހިންގާ ކުށްތައް އިތުރު ކުރުމަށް ފުރުސަތު ދިނުން ކަމަށް ސަވިއާނޯ އިންޒާރު ދިނެވެ.
"އީޔޫއިން ވަކިވުމަކީ އެހުރިހާ ކަމެއް ކުރިއަށް ގެންދިޔުމަށް ހުއްދަ ދިނުން. އޭގެ މާނައަކީ ގަތަރުގެ މުޖުތަމައުތަކާއި، މެކްސިކޯގެ ކާޓެލްތަކާއި ރަޝިއާގެ މާފިއާތަކަށް އިތުރަށް ބާރު ދިނުން،" ސަވިއާނޯ ބުންޏެވެ.
އެގޮތުން، ކާޓެލްތަކުންނާއި އީރާނުގެ ކުންފުނިތަކުން ފޮނުވާފައިވާ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ އެޗްއެސްބީސީން ވަނީ މީގެ ކުރިން އިއުތިރާފުވެފައި ކަމަށާއި އޭގެ ހެކި އެބަހުރި ކަމަށް ސަވިއާނޯ ބުންޏެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން މިދިޔަ އަހަރު އާއްމު ކުރި ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްގެ ލިސްޓުގައިވާ ގޮތުން އިނގިރޭސިވިލާތަކީ ދުނިޔޭގެ 10 ވަނައަށް އެންމެ ކޮރަޕްޓް ގައުމެވެ. (އިންޑިޕެންޑެންޓް)