ފުޑްސް އެންޑް ބެރަރޭޖްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފުއެފްއެންބީ ޝޯ އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހައިރައިޒް އިން ނިންމައިފި އެވެ.

"ފުޑް އެންޑް ބެވަރޭޖް ޝޯ"ގެ ނަމުގައި ބާއްވާ އެ ޝޯވ އޮންނާނީ އަންނަ ޖޫންމަހުގެ ދޭއް، ތިނެއް އަދި ހަތަރުވަނަ ދުވަހު ނެޝަނަލް އާޓް ގެލަރީގަ އެވެ. ޝޯވ ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށެވެ.

އެފްއެންބީ ޝޯވ އަށް ވަނުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހޭނެ އެވެ.

ހައިރައިޒް އިން ބުނީ ކާބޯތަކެތި އެތެރެކޮށް ވިއްކާ، ކުދި އަދި ބޮޑެތި ވިޔަފާރިތަކުން އެ ޝޯވ ގައި ބައިވެރިވެފައިވާ ކަމަށާއި އެ ޝޯވ އަށް ޒިޔާރަތްކޮށްގެން ކޮންމެ ރެޔަކު އިނާމެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝޯވ ގެ ތެރެއިން ކޮންމެ ރެޔަކު ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި ކައްކާ އުނދުނާއި، ބަދިގޭގައި ގެންގުޅޭ އެހެނިހެން ސާމާނު ލިބިގެންދާނެ އެވެ. އަދި ކޮކާކޯލާ އިން ވަނީ، ކޮންމެ ރެޔަކުވެސް އެކުންފުނިން އުފައްދާ އެކި ކަހަލަ ބުއިންތަކުގެ ފަސް ކޭސް ދިނުމަށް ނިންމައިފަ އެވެ.

އެ ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ ސަނީ އެންޓަޕްރައިސަސް އަދި އެސްޓްރާބޯން އެވެ.

އެ ޝޯވގެ މަގުސަދަކީ ފުޑް އެންޑް ބެވަރޭޖް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިއްކާ ތަކެތި އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ދައްކައިދިނުން ކަމަށް ވާތީ އެތަނުން އެއްޗެހި ގަތުމުގެ ފުރުސަތެއް ކަސްޓަމަރުންނަށް ނުލިބޭނެ ކަމަށް ނެސްލޭ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އިވެންޓުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.