ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، އެ މަގާމު މިދިޔަ ދައުރުގައި ވެސް އަދާކުރެއްވި ހ. ޔެލޯރޯޒް ފަރީހާ ޝަރީފް އައްޔަނު ކޮށްފި އެވެ.

ފަރީހާއަކީ، ބީއެމްއެލްގެ ބޯޑަށް، ސަރުކާރުގެ ފަރާތުން އައްޔަނުކޮށްފައި ހުންނަވާ ޑިރެކްޓަރެކެވެ.

ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނު ކޮށްފައިވަނީ މެއި 28 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އަދި އިއްޔެ ބީއެމްއެލްގެ އާ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ފުރަތަމަ ބޯޑު ބައްދަލުވުމން، ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރީ، މިދިޔަ ދައުރުގައި ވެސް ޗެއާގެ މަގާމުގައި ހުންނެވި ފަރީހާ އެވެ. ފަރީހާއަކީ، ބީއެމްއެލްގެ ތާރީޚުގައި ވެސް އެކުންފުނީގެ ބޯޑުގެ ޗެއާކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާ އެވެ.

ފައިނޭންސްއާއި އެކައުންޓިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ފަރީހާއަކީ އެފްޖޭއެސް އެސޯސިއޭޓްސްގެ ސީނިއާ ޕާޓްނަރެއްގެ އިތުރުން ފައުންޑަރެއް ވެސް މެ އެވެ. މީގެ އިތުރުން ފަރީހާ ވަނީ، ކޭޕީއެމްޖީ އަދި އެޑަމް ސްމިތު އިންޓަނޭޝަނަލް ފަދަ އޮޑިޓް ފަރމްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.

ބީއެމްއެލްގެ ބޯޑަށް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ މެއި މަހު ފަރީހާ އައްޔަނު ކުރުމުގެ ކުރިން، އޭނާ ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެމްބަރުކަމުގައި ހަ އަހަރު ދުވަސް ހޭދަކުރައްވައިފަ އެވެ.

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ވުމަ ގުޅިގެން ފަރީހާ ވިދާޅުވީ އެއީ ަރަފެއް ކަމަށާއި، ބޭންކުގެ ކުރިއެރުމަށް މަސައްކަތް ކުރެވުނު މިންވަރަކުން މަސައްކަތް ކުރައްވާނެ ަކމަށެވެ.

"ބޭންކުން ހޯދާފައިވާ ނަތީޖާ އަށް ބަލާލާއިރު ވަރުގަދަ މާލީ ކުރިއެރުމަކާއި، ލޯނު ދޫކުރެވިފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވުމާއި، ޚިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުވެފައިވާ މަންޒަރަކީ ވަރަށް ވެސް ހިތްހަމަޖެހޭ މަންޒަރެއް. ނަމަވެސް ބޭންކުގެ ކުރިއެރުމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ މުޅި އާބާދީއަށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ ބޮޑެތި އިންވެސްޓްމަންޓްތައް،" ފަރީހާ ވިދާޅުވި އެވެ.

ފަރީހާ ވިދާޅުވީ، މިދިޔަ އަހަރަކީ ބީއެމްއެލްގެ ތާރީޚުގައި ވެސް އެންމެ ރަނގަޅު އެއް އަހަރު ކަމަށާއި، ބޭންކުގެ ކުރިމަގު އޮތީ އުޖާލާކޮށް ކަން ގަބޫލު ކުރައްވާ ކަމަށެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަނުކުރި އެހެން ބޭފުޅުންގެ ތެރޭގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ، ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް، މުރްތަޟާ މުހައްމަދު ދީޑީ، މުހައްމަދު ލުވައިޒް، އަބްދުލް ހާރިސް، މުހައއްމަދު އުމަރު އަދި އާއިޝަތު އަރުޝާ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރި ބޭފުޅުންނަކީ މއ. ޓިއުލިިޕްވިލާ މުހައްމަދު އަބްދުލްސައްތާރު، ނ. ހޮޅުދޫ ނެލަމް، އިބްރާހިމް މުހައްމަދު އަދި މ. އެގްޒެޓާ އިބްތިޝާމާ އަހްމަދު ސައީދެވެ.