ސިޔާސީ މަގުސަދު ހާސިލް ކުރަން އެއްވެސް ފަރާތަކުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްބީސީ] ބޭނުން ނުކުރުމުމަށް އެ ފަރާތުން އިލްތިމާސްކޮށްފި އެވެ.

އެމްބީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މާހައުލު ހަލަބޮލިވެފައިވާ މި ދުވަސްވަރުގައި ސިޔާސީ މަގުސަދު ހާސިލް ކުރައްވަން ބޭނުން ކުރައްވާ ހަތިޔާރެއްގެ ގޮތުގައި އެމްބީސީގެ ބޯޑު އަދި އެމްބީސީގެ މުވައްޒިފުން އެއްވެސް ފަރާތަކުން އެއްވެސް މިން ވަރަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ އެފަދަ ނޫސް ބަޔާނެއް ނެރެން ޖެހުނީ އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާ ސިޔާސީ ބޭފުޅުން އެމްބީސީގެ މުވައްޒިފުންނަށް އިންޒާރު ދެއްވުމާއި، ބައެއް ބޭފުޅުންގެ ސިޔާސީ ފިކުރާއި އެ މުވައްޒިފުންގެ މަސައްކަތާ ދިމާނުވާ ވާހަކަ ދައްކަމުން ގެންދިއުމުގެ ސަބަބުން މުވައްޒިފުންނަށާއި ބޯޑަށް ގާނޫނުން ރައްކާތެރިކަން ލިބިފައިވާކަން އެންގުމުގެ ގޮތުން ކަމަށެވެ.

"އެމްބީސީ [އެމްއެންބީސީ]ގެ ބައެއް މުއައްޒަފުންނަށް އިންޒާރު ދީ ވާހަކަ ދައްކަމުން ގެންދަވާތީ އާއި، އެމްބީސީ އާއި ބެހޭގޮތުން އެކި އެކި ޕޯޑިއަމް ތަކުގައި އެކި އެކި ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުންގެ ސިޔާސީ ފިކުރާ މުވައްޒިފުންގެ މަސައްކަތާ ދިމާނުވާ ކަމަށް، ސިޔާސީ ބޭނުމަށް ދެކެވޭ ބައެއް ވާހަކަތަކުން ދޭހަވޭ. އެމްބީސީން އެތަންތަނާ ހަވާލު ވުމަށް ފަހު، އެމްއެންބީސީގައި މިހާރުތިބި މުވައްޒިފުން ތިބޭނީ އެމްބީސީގެ ގާނޫނާ އެއްގޮތަށް އެމްބީސީން ހަދާ ގައިޑްލައިނާ އެއްގޮތަށް އެމްބީސީގެ ސިޔާސަތުތަކަށް ތަބާވެގެން. މިހާރު ތިއްބެވި މުވައްޒިފުންގެ ތެރެއިން ވަޒީފާދޭ ފަރާތްތަކުގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރަން މަޖުބޫރުވެ ވަޑައިގެން މަސައްކަތްކުރާ މުވައްޒިފުންނަށް ވެސް އަޅުގަނޑުމެން ބޭނުން ގާނޫނުން ލިބިދޭ ހިމާޔަތް އޮންނާނެކަން އަންގަން،" މަނިކު ވިދާޅުވި އެވެ.

އެމްބީސީގެ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ އެމްބީސީ ބޯޑުގެ ހުރިހާ ވެސް ވިސްނުމަކީ ސިޔާސީ، އިގްތިސާދީ އަދި މާލީ ނުފޫޒުން އެއްކިބާވެ އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ އުފުލަމުން ގެންދިއުން ކަމަށެވެ. އަދި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި އެމްބީސީން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އަސާސްތައް އަދި އަމާޒުތައް އެމްބީސީގެ ގާނޫނުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެމްބީސީން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ އަދާ ކުމުގެ ފުރުސަތު ލިބި އެ މަސައްކަތާ ރަސްމީގޮތުން ހަވާލު ވުމުން ގާނޫނުގައި ބަޔާންކޮށްފައިވާ ބްރޯޑްކާސްޓިން ކޯޑް ލިޔުމުން ބަޔާން ކުރެވި އާއްމު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން ގާނޫނުގައި ބަޔާން ކޮށްފައިވާ، މިނިވަން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި މެނުވީ މަސައްކަތް ކުރުމަށް އެމްބީސީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ އުސޫލުތަކުން އެމްބީސީގެ ބޯޑަކަށް ނުވަތަ އެމްބީސީގެ މެނޭޖްމެންޓަކަށް އެއްވެސް މިންވަރަކަށް ފުރުސަތެއް ނުލިބެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޑީއާރުޕީގެ ޒައީމު މައުމޫނު އަބްދުލް ގައްޔޫމުގެ ފެކްޝަނުން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ވަނީ އެމްއެންބީސީ ވަންގައި މަސައްކަތްކުރާ ބައެއް މުވައްޒިފުންނަށް އިންޒާރު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން ލައްވައި މަސައްކަތް ކުރުވަނީ ވަޒީފާގެ ބިރު ދައްކައިގެން ވަކި ފިކުރެއް ކުރި އެރުވުމަށް ކަމަށެވެ. އަދި އެމްއެންބީސީ ވަން އެމްބީސީއާ ހަވާލުވާ އިރު ސިޔާސީ ފިކުރުގައި މަސައްކަތްކުރާ ބަޔަކު އެތަނުގައި ތިބި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިލްހާމް ވަނީ އިންޒާރު ދެއްވައިފަ އެވެ.