30 May 2016, 12:36
ދުނިޔޭގެ ތަފާތު ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ބާއްވައި އަދި އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓްކޮށްދޭ ކަމުގެ ތުހުމަތުގައި ލ. ކުނަހަންދޫ ސްކޫލުގެ ލީޑިން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އަސްމާއު އަބޫބަކުރު މިއަދު "ސަން" އަށް ވިދާޅުވީ، އެ ސްކޫލުގެ ލީޑިން ޓީޗަރު އަބްދުﷲ މައުރޫފު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ފުލުހުން އެ ރަށަށް އަރައި ކަމަށެވެ. އަދި ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެނީ "ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭތީ" ކަމަށާއި އަދި ވެސް ރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މައުރޫފު ހައްޔަރުކޮށްފައި ވަނީ އައިއެސް ޖަމާއަތާ ބައިވެރިވުމަށް ރާއްޖެ އިން މީހުން ފޮނުވުމުގައި ފުޅާ ދާއިރާއެއްގައި އިސްކޮށް ހުރެ، ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގަ އެވެ.
އަބްދުﷲ މައުރޫފްގެ އާއިލާ މެމްބަރަކު މިއަދު ސަން އަށް ބުނީ، ގާތްގަނޑަކަށް 30 ވަރަކަށް ފުލުހުންގެ ބޭކަލުން އެ ރަށަށް އަރައި ޓީޗަރު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 12:00 ޖަހާ އެހާކަންހާ އިރު ކަމަށެވެ.
އޭނާ ބުނީ، މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ފުލުހުން އައިސް މައުރޫފުގެ ލެޕްޓޮޕާއި ފޯނާއި ސްކޫލްގައި އޭނާ ބޭނުންކުރާ ކޮމްޕިއުޓަރުގެ ހާޑް ޑިސްކް ކޯޓު އަމުރެއްގެ ދަށުން ގެންގޮސްފައިވާ ކަމަށެވެ.
ސަން އަށް ކޮޕީ ލިބިފައިވާ އެ ކޯޓު އަމުރުގައި ބުނެފައި ވަނީ މައުރޫފުގެ ބައެއް ތަކެތި އެ ފަހަރު ގެންދިޔައީ އޭނާއަކީ "ހަރުކަށި ދީނީ ސިޔާސަތު ފެތުރުމަށް ވަކި ޖަމާއަތް ހަދައިގެން ގެއެއްގައި ހުކުރުކޮށް، ސީރިއާގައި އަދި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމައާތަކެއް ކަމުގައިވާ، އައިއެސް ޖަމާއަތާ ބައިވެރިވުމަށް ރާއްޖެ އިން މީހުން ފޮނުވުމުގައި ފުޅާ ދާއިރާއެއްގައި އިސްކޮށް ހުރެ، ހަރަކާތްތެރިވާ" ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ވެސް ވަނީ އެ ރަށުން މީހަކު ރޭ ހައްޔަރުކޮށްފައިވާކަން "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ، އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުނަހަންދޫން 36 އަހަރުގެ މީހެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކީއްވެގެން ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ކައުންސިލްގެ ރައީސް އަސްމާއު ވިދާޅުވީ، ޓީޗަރު ހައްޔަރުކުރުމުގެ ކުރިން އިއްޔެގެ ވަގުތެއްގައި އޭނާ ވަޒީފާ އިން ވެސް ވަކި ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ރަށުގެ ބެލެނިވެރިން ދަނީ ޓީޗަރު ހައްޔަރުކުރުމާ ދެކޮޅަށް ސްކޫލް ދޮށުގައި މުޒާހަރާ ކުރަމުންނެވެ. އަދި ފުރަތަމަ ޓާމުގެ ޓެސްޓް މިހާރު ކުރިއަށްދާ އިރު، މިއަދުގެ ޓެސްޓަށް ބައެއް ދަރިވަރުން ސްކޫލަށް ފޮނުވާފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.