30 May 2016, 11:45
ރާއްޖޭގައި އޮޕަރޭޓުކުރާ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޚާއްސަކޮށްގެން، ފަތުރުވެރިކަމުގެ އިންޑަސްޓްރީއާ ބެހޭ ފޯރަމެއް ބާއްވައިފި އެވެ.
ޖީއެމް ފޯރަމް އިންތިޒާމުކުރީ، ރާއްޖޭގައި ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ނެރޭ "ހޮޓަލިއާ މޯލްޑިވްސް" މެގަޒިންގެ ފަރާތުންނެވެ. މިއީ ހޮޓަލިއާ މޯލްޑިވްސް އިން މި ފޯރަމް ބާއްވާ ފުރަތަމަ ފަހަރެވެ.
ހޮޓަލިއާ މޯލްޑިވްސް އިން ބުނާ ގޮތުގައި، މި މަހުގެ 25 ވަނަ ދުވަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި މި ފޯރަމްގައި، 20 އަށް ވުރެ ގިނަ ރިސޯޓުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވި އެވެ. އަދި ރިސޯޓު އޯނަރުންނާއި ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ އޮފިޝަލުންނާ އެކު، 52 ޑެލިގޭޓުން ވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހޮޓަލިއާ މޯލްޑިވްސްގެ ޖީއެމް ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ފޮޜޯ/ހޮޓަލިއާ މޯލްޑިވްސް
ފޯރަމްގައި ވާހަކަ ދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަހަރަކު ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިޔަނަށް ވުރެ އިތުރު ކުރުމަށް މަސައްކަތް ކުރާ އިރު، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަޖުރިބާ އަދި ޚިޔާލު އަޑު އިވުމަކީ، ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ފަސޭހައެއް ކަމަށެވެ.
އެ ފޯރަމުގައި ޖުމްލަ ހަތަރު ޕެނަލް ޑިސްކަޝަނެއް، ތަފާތު ހަތަރު މައުޟޫއުއަކަށް ކުރިޔަށް ދިޔަ އެވެ. އެ މައުޟޫއުތަކުގެ ތެރޭގައި ފޯރަމްގެ މަގްސަދާއި ރިސޯޓުތަކުގެ ރެވެނިއު މެނޭޖްމެންޓާއި ކޮމްޕްލަޔަންސް އަދި ގާނޫނީ ގޮތުން ރިސޯޓް އޮޕަރޭޝަންސް އަށް ހުރި ގޮންޖެހުންތަކުގެ އިތުރުން، އާ ރިސޯޓުތައް ތަރައްގީކޮށް ހުޅުވަމުންދާ އިރު، އިންޑަސްޓްރީގައި ރިސޯޓުތަކުގެ ވާދަވެރިކަން ދަމަހައްޓާނެ ގޮތްތައް ހިމެނެ އެވެ.

ހޮޓަލިއާ މޯލްޑިވްސް އިން ބޭއްވި ޖީއެމް ފޯރަމް 2016 ގެ ތެރެއިން -- ފޮޓޯ/ ހޮޓަލިއާ މޯލްޑިވްސް
ހޮޓަލިއާ މޯލްޑިވްސްގެ ޖީއެމް ފޯރަމްގައި، ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތަކާއި ރިސޯޓު ކުންފުނިތައް ބައިވެރިވި އެވެ. އޭގެ ތެރޭގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، ޕެރެޑައިޒް އައިލެންޑް ރިސޯޓް، ޔުނިވާސަލް އެންޓަޕްރައިޒެސް، ޖޭއޭ ރިސޯޓްސް، ޝެވަލް ބްލޮންކް ރަންދެލި، ކުރުނބާ މޯލްޑިވްސް، ގިލި ލަންކަންފުށި އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ހިމެނެ އެވެ.
ހޮޓަލިއާ މޯލްޑިވްސް އިން ބުނާ ގޮތުގައި، މިއަހަރުން ފެށިގެން ޖީއެމް ފޯރަމް ކޮންމެ އަހަރަކު ވެސް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.