ސައޫދީ އަރަބިޔާގައިވާ ދީނީ މުގައްދަސް ތަންތަނަށާއި އެނޫންވެސް އެގައުމުގައިވާ އާސާރީ އަދި ތާރީޚީ ތަންތަނަށް ޒިޔާރަތް ކުރާމީހުންގެ އަދަދު ގިނަކޮށް އެތަންތަނުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އެގައުމުން ހާމަކޮށްފި އެވެ.

ސައޫދީ އަރަބިޔާގެ އިގްތިސާދާއި ތަރައްގީއާބެހޭ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖާއި އުމުރާގެ އަޅުކަމުންނާއި އެނޫންވެސް ސައޫދީގައިވާ އަރަބި ގަދީމީ ތާރީޚީ ތަންތަނާއި އެވޭލާ ޒަމާނުގެ ތާރީޚީ ތަންތަނުން ލިބޭ އާމްދަނީ ކުރިޔަށްއޮތް ހަތަރު އަހަރު ތެރޭގައި އަހަރެއްގެ މައްޗަށް 20 ބިލިޔަން ޑޮލަރަށް އިތުރު ކުރުމަށް ރާވާފައިވާ ކަމުގައެވެ.

ހައްޖާއި އުމުރާގެ އަޅުކަމަށް އަންނަމީހުން ކުރާ ޚަރަދުތަކުންނާއި ކުރާ ވިޔަފާރިތަކުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 12 ބިލިޔަން ޑޮލަރު ސައޫދީ ސަރުކާރަށް ލިބޭކަމަށްވެއެވެ. ނަމަވެސް މިއީ ސައޫދީ ގައުމީ އާމްދަނީ ނުވަތަ ޖީޑީޕީ ގެ އެންމެ 2.7 އިންސައްތަ އެވެ.

މައްކާއާއި މަދީނާގައިވާ މުގައްދަސް ދެ ޙަރަމްފުޅުގެ އިތުރުންވެސް އަރަބި ތާރީޚީ ތަންތަންހުރި އެހެންރަށްތަކާއި ސަރަހައްދުތައް ސައޫދީ ގައިވެއެވެ. އެތަންތަނަށް ބޭރުގައުމުތަކުގެ މީހުން ޒިޔާރަތް ކުރުމަށް ސައޫދީ ސަރުކާރުން ކުރިން މާބޮޑު ތަރުޙީބެއް ނުދެއެވެ. އަދި މަދު ބަޔަކަށް ނޫނީ އެކަމަށް ހުއްދައެއްވެސް ނުދެއެވެ. ނަމަވެސް ސައޫދީ އިގްތިސާދާއި ތަރައްގީއާބެހޭ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ (މައްކާއާއި މަދީނާ ފިޔަވައި) އެފަދަ ތަންތަނަކީ ވެސް ސައޫދީ އަށް ރަނގަނޅު އާމްދަނީ އެއް ހޯދިދާނެ ތަންތަން ކަމުގައެވެ.

އެހެންކަމުން އިސްލާމީ ނޫން އަރަބި ތާރީޚީ ތަންތަނާއި އަދި މައްކާއާއި މަދީނާއިން ބޭރުގައިވާ އެނޫންވެސް ތާރީޚީ ތަންތަން ތަރައްގީކޮށްފިނަމަ ޓޫރިސްޓުން ގެ ގޮތުގައި އެތަންތަނަށް ޒިޔާރަތް ކުރާމީހުންގެ އަދަދު ގިނަކޮށްގެން އެމީހުންގެ އަތުން މިހާރަށްވުރެ އެތަށްގުނައެއް ބޮޑު އާމްދަނީއެއް ހޯދުމަކީ ކުރެވިދާނެ ކަމެއްކަމުގައެވެ.

މިފަދަ ރަށްތަކުގެ ތެރޭގައި މަދީނާގެ ކައިރީގައިވާ އަލްމަދާއިންސާލިޙް ސަރަހައްދު ހިމެނެއެވެ. މީގެއިތުރުން ނަޖްރާން އާއި ޖައްބާ އާއި އައްޝަވާމީސް މި ސަރަހައްދުތަކަކީ ވެސް އަރަބި ގަދީމީ އާސާރީ ތަންތަން ހުރި ސަރަހައްދުތަކެވެ.

ހައްޖާއި އުމުރާގެ އަޅުކަމަށް އަންނަ މީހުންނަށް މިތަންތަނަށް ޒިޔާރަތް ކުރުމުގެ ފަސޭހަތައް ހަމަޖައްސައިދީފިނަމަ ދީނީ އަދި ތާރީޚީ ޓޫރިޒަމްގެ ގޮތުގައި އިތުރަށް ހަތަރެއް ނޫނީ ފަހެއް ބިލިޔަން ޑޮލަރުގެ އިތުރު އާމްދަނީއެއް އަހަރެއްގެ މައްޗަށް ހޯދިދާނެކަމަށް ސައޫދީ އޮތޯރިޓީ ފޯރ ޓޫރިޒަމް އެންޑް ހެރިޓޭޖް އިން ދެކެއެވެ.

ދުނިޔޭގެ ފެންވަރުގެ ހެރިޓޭޖްގެ ގޮތުގައި ސައޫދީ އަރަބިޔާގެ ހަތަރުތަނެއް ޔުނެސްކޯއިން ލިސްޓްކޮށްފައިވެއެވެ. މީގެއިތުރުންވެސް ސައޫދީ ހައެއްކަ ސަރަހައްދު ދުނިޔޭގެ ފެންވަރުގެ ހެރިޓޭޖްގެ ގޮތުގައި ހެދިދާނެތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާތަކެއް ޔުނެސްކޯއިން ގެންދަނީ ކުރަމުންނެވެ. ނަމަވެސް ޓޫރިޒަމްގެ ދާއިރާއަކީ ސައޫދީ އަށް އާމްދަނީ ހޯދުމުގައި އައު ސެކްޓަރަކަށްވުމުން އެކަމުގެ ތަޖްރިބާ ސައޫދީންގެ ކިބައިގައި މަދުކަމަށް ސައޫދީ އޮތޯރިޓީ ފޯރ ޓޫރިޒަމް އެންޑް ހެރިޓޭޖް ގެ ވެރިޔާ ސައޫދީ ޝާހީ އާއިލާގެ އިސް ޕްރިންސެއް ކަމަށްވާ ސުލްތާން ބިން ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވިއެވެ.

ސައޫދީ އަރަބިޔާ މިހާރު ގެންދަނީ އެގައުމުގެ ކަންކޮޅުތަކުގައި އިންފްރާސްޓްރަކްޗަރ ގެ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި މައްކާއާއި މަދީނާއާއި ޖިއްދާއާއި ރިޔާޒް ފަދަ ބޮޑެތި ސިޓީތަކާއި އާބަން ސަރަހައްދުތައް ރެޕިޑް ރޭލްވޭ ތަކުން ގުޅާލުން ހިމެނެއެވެ. ސައޫދީ އަރަބިޔާގެ އިގްތިސާދާއި ތަރައްގީއާބެހޭ ކައުންސިލުންވަނީ ހައްޖާއި އުމާރާއަށް ދާ މުސްލިމުން ސައޫދީގައި ތިބޭ މުއްދަތު އެމީހުން ބޭނުންވަރަކަށް އިތުރުކުރުމުގެ ފުރްސަތު ދީގެންވެސް އިތުރު އާމްދަނީ ހޯދުމަށް ރާވާފައެވެ.

މިހާރު އަހަރެއްގެ މައްޗަށް އުމުރާއާއި ހައްޖަށްދާ މީހުންގެ އަދަދަކީ 8 މިލިޔަން ކަމަށްވިޔަސް 2020 އަށް ދާއިރު އުމުރާއާއި ހައްޖަށްދާ މީހުންގެ އަދަދު 15 މިލިޔަނަށް އިތުރުކޮށް އަދި 2030 އަށް ދާއިރު އުމުރާއާއި ހައްޖަށްދާ މީހުންގެ އަދަދު 30 މިލިޔަނަށް އިތުރު ކުރުމަށް ސައޫދީ ވިޝަން 2030 ގައި ވަނީ އެކަށައަޅާފައެވެ.

ތެލުގެ މައްޗަށް ބަރޯސާ ވެފައިވާ ސައޫދީ އަރަބިޔާގެ އިގްތިސާދަށް އިސްލާޙީ އަވަސް ބަދަލުތަކެއް ގެނަސް ތެލުގެ ބަދަލުގައި އާމްދަނީ ލިބޭނެ އެހެންކަންތައްތަކެއް ތައާރަފް ކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ދާދިފަހުންވަނީ ނިންމާފައެވެ.

ސައޫދީ އަރަބިޔާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަދި ޚަރަދުބޮޑު އިސްރާފު ބޮޑު ދިރިއުޅުމެއް އުޅޭ ގައުމެކެވެ. އަދި ސައޫދީ އިގްތިސާދުގެ 90 ޕަސެންޓް ތެލަށް ބަރޯސާވެފައިވާ އިރު ތެލުގެ އަގު ދަށަށް ދިޔުމުން ތެލުން ލިބޭ އާމްދަނީގެ 50 ޕަސެންޓް، ފާއިތު ތިން އަހަރު ތެރޭގައި އެގައުމަށް ވަނީ ގެއްލިފައެވެ. މިއީ ގާތްގަނޑަކަށް 750 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ކަމަށް ބެލެވިފައިވާއިރު ކުރިޔަށްއޮތް ފަސްވަރަކަށް އަހަރުތެރޭގައި ވެސް ތެލުގެ އަގު ކުރީގެ އަގާ އެއްވަރަށް މައްޗަކަށް ނުދާނެކަމަށް ތެލުގެ ތަޖްރިބާކާރުން އަންދާޒާ ކުރެއެވެ.

ތެލުގެ މައްޗަށް ބަރޯސާ ވެފައިވާ ސައޫދީ އަރަބިޔާގެ އިގްތިސާދަށް އިސްލާޙީ އަވަސް ބަދަލުތަކެއް ގެނެސް އެ ޙާލަތު ބަދަލުކުރުމަށް އަވަސްފިޔަވަޅުތަކެއް އަޅަމުން ގެންދާކަން އެގައުމުގެ ސަރުކާރުން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ. ސައޫދީ ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން ދާދިފަހުންވަނީ "ސައޫދީ ވިޝަން 2030" ގެނަމުން ނަންދީފައިވާ އިގްތިސާދީ އިސްލާޙީ ޕްލޭނެއް އިޢްލާންކޮށްފަ އެވެ.

މިޕްލޭން ބިނާކޮށްފައި ވަނީ ތެލަށް ބަރޯސާނުވާ އިގްތިސާދެއް ބިނާކުރުމަށާއި އަދި ދުބާއިފަދަ ސިނާއަތާއި ޒަމާނީ ވިޔަފާރީގެ މަރުކަޒަކަށް ސައޫދީ އަރަބިޔާ ބަދަލުކޮށްލުމުގެ މައްޗަށެވެ. މިޕްލޭންގެ ދަށުން ސައޫދީ އަރަބިޔާގައި ދިގު މުއްދަތަކަށް ވަޒަންވެރިވެގެން ތިބުމުގެ ފުރުސަތު މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންނަށް ވެސް ދިނުމާއި މުޅި ގައުމުގައި ފަތުރުވެރިކަން ފުޅާކުރުމާއި ދަނޑުވެރިކަން ވެސް ވަރަށްބޮޑަށް ތަރައްގީކުރުން ހިމެނާފައިވެ އެވެ.

މީގެއިތުރުން އެމެރިކާ އާއި ޔޫރަޕުން މިހާރު ގަންނަމުންދާ ބިލިޔަން ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމުގެ ބަދަލުގައި އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފެއްދުމުގެ ވަރުގަދަ ސިނާއަތެއް ފެށުންވެސް ސައޫދީ ވިޝަން 2030" ގައި ހިމެނެ އެވެ. މިޕްލޭނަށް އަމަލުކުރުމުގެ ކަންތައް މިއަހަރުގެ ޖޫން މަހުން ފެށިގެން ކުރިޔަށްގެންދާ ގޮތަށް ސައޫދީ ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފަ އެވެ. މިބަދަލުތައް ގެނެސް ތެލުގެ ބަދަލުގައި އާމްދަނީ ލިބޭ އެހެންކަންތައްތަކެއް ތައާރަފް ނުކޮށްފިނަމަ މާލީ ޝޮކަކާ ކުރިމަތިލުމަށް ސައޫދީ އަށް ދެން އޮތީ އެންމެ ދެ އަހަރު ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ތެލުގެ އާމްދަނީ ދަށަށްދިޔުމުގެ ސަބަބުން ސައޫދީއަށް ވަނީ ސިޔާސީގޮތުން އެގައުމަށް ބޭނުންވާ އެތަށް ކަންތައްތަކެއް ހާސިލް ކުރުމަށްވެސް ނުކުޅެދިފައެވެ. މީގެތެރޭގައި ޔަމަންގައި ސައޫދީ އިސްކޮށް އޮވެގެންކުރާ ހަނގުރާމަ ކާމިޔާބު ނުކުރެވުމާއި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ގެ ވެރިކަން ގަދަބާރުން ވައްޓާލުމާއި އިރާގުފަދަ ގައުމުތަކުގައި އިތުރުވަމުންދާ އީރާނުގެ ނުފޫޒާ ކުރިމަތި ނުލެވުންފަދަ ކަންކަން ހިމެނެއެވެ. (ނޫސްއެޖެންސީތައް)