ދުނިޔޭގައި މަޝްހޫރު ތާޖް ބްރޭންޑުގެ ހޮޓެލްތައް ހިންގާ އިންޑިއާގެ އިންޑިއަން ހޮޓެލްސް ކޮމްޕެނީ ނުވަތަ ތާޖް ގްރޫޕުގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން، އެކުންފުނީގެ އަމާޒު މިހާރު ހުރީ ދެކުނު އޭޝިއާ އަދި އަރަބި ގައުމުތަކަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން ބުނާ ގޮތުގައި، އެކުންފުނިން މިހާރު ޓާގެޓު ކުރަނީ ދުބާއީ، އަބޫ ދާބީ، ދޯހާ، މުސްގަތު، ކެމްބޯޑިއާ، ތައިލެންޑް އަދި ވިއެޓްނާމް ފަދަ ގައުމުތަކާއި ސިޓީތަކަށެވެ.

"ބެއިޖިންގ އަދި ޓޯކިޔޯ ފަދަ ސިޓީތަކުގައި އަހަރެމެންނަށް އޮޕަރޭޓޭއް ނުކުރެވޭނެ. އެތަންތަނަށް ބޮޑެތި އިންވެސްޓްމެންޓުތަކެއް ކުރަން ޖެހޭ އިރު، މާކެޓަށް ވަނުމަކީ ވެސް އުނދަގޫ ކަމެއް،" ތާޖް ގްރޫޕުގެ ސީއީއޯ ރާކޭޝް ސަރްނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތާޖް ގްރޫޕަށް ސްޓޭންޑްއަލޯން ޕްރޮފިޓްގެ ގޮތުގައި 13 މިލިޔަން ޑޮލަރު ލިބިފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް 1.19 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ތާޖް ގްރޫޕުން ދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ ބައެއް އިންވެސްޓްމެންޓުތައް ވިއްކާލަމުންނެވެ. އެގޮތުން، އޮސްޓްރޭލިއާގެ ސިޑްނީއާއި މޮރޮކޯގެ މަރާކަޝްގައި ހުންނަ އެކުންފުނީގެ ޕްރޮޕަޓީތަކެއް ވިއްކާލާފައިވާ އިރު، އެމެރިކާގެ ބޮސްޓަންގައި ހުންނަ ތާޖް ބޮސްޓަން ހޮޓެލް ވިއްކާލުމަށް ވަނީ އިއުލާން ކޮށްފަ އެވެ.

އެހެން ނަމަވެސް، އިންޑިއާއިން ބޭރުގައި އެހެން ގައުމުތަކުގައި ތާޖް ގްރޫޕުގެ 13 ހޮޓެލް އަދި ރިސޯޓު ހުރެ އެވެ. އޭގެ ތެރޭގައި ސްރީލަންކާ، ދިވެހިރާއްޖެ، އަދި އެމެރިކާ ހިމެނެ އެވެ.