ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށާ އިރު އިކޮނޮމިކް މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ އަންހެނުންނަށް އަންހެން ޑުރައިވަރުން އަދި ފިރިހެނެނުންނަށް ފިރިހެން ޑުރައިވަރުން ހިދުމަތްދޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީންގެ ޑިރެކްޓަރު އަހުމަދު އައިމަން ޝަރީފް މިއަދު ވިދާޅުވީ މުޖުތަމައު ބަލައިގަންނަ ގޮތަކަށް ހިދުމަތް ދިނުމަށް އެ މިނިސްޓްރީ އިން ނިންމާފައިވާ ކަމަށާއި އެގޮތުން މިހާރު ވިސްނުން ހުރީ އަންހެނުންނަށް ޓެކްސީ ކުރުމަށް އަންހެން ޑުރައިވަރުން ހަމަޖައްސައި ފިރިހެނުންނަށް ޓެކްސީ ކުރުމަށް ފިރިހެން ޑުރައިވަރުން ހަމަޖެއްސުމަށް ކަމަށެވެ.

"އަންހެން ބޭފުޅާ އަންހެން ޑުރައިވަރެއް އަދި ފިރިހެން ބޭފުޅާ ފިރިހެން ޑުރައިވަރެއް ހިދުމަތްދޭ ގޮތަށް އަދި ވިސްނުން މިހިރީ." އައިމަން ވިދާޅުވި އެވެ.

ނަމަވެސް އަންހެން ބޭފުޅުންނަށް އަންހެން ޑުރައިވަރެއް ނުވަތަ ފިރިހެން ބޭފުޅުންނަށް ފިރިހެ ޑުރައިވަރެއް ނެތް ގަޑިއެއްގައި އެ ކަސްޓަމަރަކު ބޭނުން ޖިންސެއްގެ ޑުރައިވަރަކު އިހުތިޔާރު ކުރެވިދާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހިދުމަތް ދިނުމަށް ކުރިމަތިލުމަށް އަންނަ މަހު 22 ވަނަ ދުވަހު ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ އިރު މައުލޫމާތު ސާފު ކުރުމަށް ގިނަ ބަޔަކު އަންނަމުންދާ ކަމަށާއި މައުލޫމާތު ސެޝަން އޮތީ އަންނަ މަހު ހަތް ވަނަ ދުވަހު ކަމަށް އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް ބޮޑުތަރުހީބެއް ލިބެމުންދާ އިރު ހުއްދަ ދޭނީ ކިތައް ފަރާތަށްތޯ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ހުއްދަދޭނީ މާލޭގެ ޓުރެފިކަށް މައްސަލަ ނުޖެހޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި އަދަދަކުން ފަށާފައި ހިދުމަތް ރަނގަޅުވީމާ ފުޅާކުރަން ފުރުސަތު ދެވޭ ކަހަލަ ގޮތަކަށް، މާލޭގެ މަގުތަކަށް ބުރަނުވާ ކަހަލަ ގޮތަކަށް މިކަން ކުރަން." އައިމަން ވިދާޅުވި އެވެ.

އެހިދުމަތް މާލޭގައި ވެސް ފެށުމަށް ނިންމާފައި ވަނީ ދުނިޔޭގެ އެހެންގައުމުތަކުގައި އެހިދުމަތްދޭ ފެންވަރުގައި ކަމަށާއި އެހެންކަމުން ރާއްޖޭގައި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ތިބޭނީ ވަކި ޖެކެޓެއްލައި އެއީ ޑްރައިވަރުންކަން އެނގޭނެ ގޮތަށް ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކޮންސިޑާ ކުރަނީ ވަކި ފާހަގަވާ ކަހަލަ ޓެކްސީގައި ވަކި ނިޝާންތަކެއް ޑްރައިވަރުގެ ވަކި ސިފަތަކެއް، އެގޮތުން ވެސްޓެއް [ޖެކެޓެއް] ކަހަލަ އެއްޗެއް ލާން." އައިމަން ވިދާޅުވި އެވެ.