30 May 2016, 09:10
(ކުވޭތު ސިޓީ) -- ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކްގެ މެމްބަރު ގައުމެއް ކަމަށްވާ ކުވޭތުން ތެލުގެ ޕްރޮޖެކްޓުތަކަށް 115 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރަން ނިންމައިފި އެވެ.
ތެލުގެ ކޮންފަރެންސެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ކުވޭތް ޕެޓްރޯލިއަމް ކޯޕްގެ ހެޑް އޮފް ޕްލޭނިން ވަފާ އަލް ޒާބީ ވިދާޅުވީ، ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، ތެލުގެ މަޝްރޫއުތަކަށް އެ ގައުމުން ހަރަދުކުރަން ނިންމި 34.5 ބިލިއަން ދީނާރު ހަރަދުކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް ކަމަށެވެ.
"ތިރީސް ބިލިއަން ދީނާރު (100 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ހަރަދުކުރާނީ ލޯކަލް މާރުކޭޓަށް. ބާކީ ބައި ހަރަދުކުރާނީ ގައުމުން ބޭރުގައި،" އޭނާ ވިދާޅުވި އެވެ.
ހަރަދުކުރަން ކަނޑައެޅި ފައިސާގެ ތެރެއިން ތިން ބައި ކުޅަ ދެބައި ނުވަތަ 23 ބިލިއަން ދީނާރު ހަމަޖައްސާފައި ވަނީ ތެޔޮ ހޯދުމަށާއި ތެޔޮ އުފެއްދުމަށް ކަމަށް ވެސް ޒާބީ ވިދާޅުވި އެވެ.
ކުވޭތުން މިހާރު ދުވާލެއްގެ މައްޗަށް 3.0 މިލިއަން ފީފާގެ ތެޔޮ އުފައްދާ އިރު، އެ ގައުމުގެ އަމާޒަކީ 2020 ވަނަ އަހަރާ ހަމަ އަށްދާ އިރު ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު 4.0 މިލިއަން ފީފާ އަށް އިތުރުކުރުމެވެ. އަދި އެ އަދަދު އިތުރު 10 އަހަރަށް ހިފެހެއްޓުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން، ތެޔޮ އުފައްދާ އެހެން އަރަބި ގައުމުތަކާ އަޅާބަލާ އިރު ތެލަށް ބަރޯސާވެފައި އޮންނަ ކުވޭތަށް ލިބުނު ފައިދާ ވަނީ ވޭތުވެ ދިޔަ 20 މަސް ދުވަހުގެ ތެރޭގައި ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ.
ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ ކެޕިޓަލް އިންވެސްޓްމަންޓަށް އެގައުމުން ކުރަން ރާވާފައިވާ ކަންތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.
ކުވޭތުގެ އިގްތިސާދަށް ވަންނަ އާމްދަނީގެ 95 ޕަސެންޓަކީ ތެލުގެ ވިޔަފާރިން ލިބޭ ފައިސާ އެވެ.
މައުލޫމާތު: ދަ އިކޮނޮމިކް ޓައިމްސް