30 May 2016, 09:16
ޖޮނީ ޑެޕްގެ އެންމެ ފަހުގެ ފިލްމު، "އެލިސް ތުރޫ ދަ ލުކިން ގްލާސް" ރިލީޒްކުރި ފުރަތަމަ ހަފްތާ ތެރޭގައި ވެސް ބޮކްސް އޮފީހުގައި ބޮޑު ފުލޮޕަކަށް ވެއްޖެ އެވެ.
ޖޭމްސް ބޮބިން މުގުލުގައި ހުރެ 170 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފެއްދި އެ ފެންޓަސީ އެޑްވެންޗާ ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނަމަވެސް "އެލިސް އިން ވޮންޑާލޭންޑް" ގެ ދެވަނަ ފިލްމެއްގެ ގޮތުގައި ހެދި އެ ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގައި އުތުރު އެމެރިކާ އިން ލިބުނީ 28.1 މިލިއަން ޑޮލަރެވެ.
ޑޮމެސްޓިކް ބޮކްސް އޮފީހުން އެ ފިލްމަށް އެހާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، ބޭރު ގައުމުތަކުގެ ސިނަމާތަކުން އެ ފިލްމު ވަނީ ކުރިއެރުމެއް ހޯދާފައެވެ. ބޭރު ގައުމުތަކުގެ 80 ސިނަމާއެއްގައި އެޅުވި އެ ފިލްމަށް ހަފްތާ ބަންދުގައި ވަނީ 65 މިލިއަން ޑޮލަރު ލިބިފައެވެ.
ބޭރު ގައުމުތަކުގެ ސިނަމާތަކުގެ ތެރެއިން "އެލިސް ތުރޫ ދަ ލުކިން ގްލާސް" އަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ ޗައިނާ އިންނެވެ. އެ ގައުމުން 25.1 މިލިއަން ޑޮލަރު ލިބުނު އިރު، ދެން އެންމެ ބޮޑު ތަރުހީބެއް ލިބުނީ މެކްސިކޯ އާއި ރަޝިއާ އަދި ބްރެޒިލް އިންނެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި، އެ ފިލްމަށް ބޮޑު ތަރުހީބެއް ނުލިބި ބޮކްސް އޮފީހުގައި ފުލޮޕް ވެފައި މިވަނީ، ޖޮނީ ޑެޕް ގާތުން ވަރިވާން ބޭނުންވެގެން އުޅޭ އޭނާގެ އަންހެނުން އެމްބާ ހާޑު ކޯޓުގައި އޭނާއަށް ޖޮނީ އަނިޔާކުރި ކަމަށް ބުނުމުންނެވެ.
މީގެ ދެ ދުވަސް ކުރިން ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި އެމްބާ ވަނީ ދެ މީހުންގެ ދެމެދު ހިނގި ދެ ބަސްވުމެއްގައި ޑެޕް އޭނާގެ ފޯނުން އެމްބާގެ މޫނުމަތީގައި ޖެހި ކަމަށް ބުނެ، އެކަން ސާބިތު ކުރަން ފޮޓޯތަކެއް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.