30 May 2016, 09:03
ދިވެހިރާއްޖެ އަކީ ވަރަށް ގިނަ މަޝްހޫރު ފަރާތްތަކެއްގެ ޗުއްޓީ މަންޒިލެެވެ. ފިލްމީ ތަރިންގެ އިތުރުން، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ ޑޭވިޑް ބެކަމް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ފަރާތްތަކެވެ. ރާއްޖެ އަންނަ ކޮންމެ މީހަކުވެސް އެނބުރި ދަނީ ރާއްޖެ ވަރުގެ ދެވަނަ ތަނެއް ނެތް ކަމަށް ބުނެ އެވެ.
"ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ޖާދޫގައި މި ފަހަރު ޖެހިފައި މިވަނީ ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމު އަދި ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ.
ތިއާގޯ އަދި އޭނާގެ އަންހެނުން ރާއްޖެ އައިސް ތިބީ ކޮންރަޑް މޯލްޑިވްސް ގަ އެވެ. ދެމީހުންވެސް ވަނީ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
ތިއާގޯ އިންސްޓަގްރާމުގައި ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުން، ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކާއި މޫދު ފެނެ އެވެ.
ތިއާގޯ ސިލްވާގެ އަންހެނުން އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯ އެއް --
އެ ފޮޓޯތަކާ އެކު ތިއާގޯ ލިޔެފައިވާ ކެޕްޝަންތަކުން، އޭނާއަށް ރާއްޖެ ކަމުދިޔަ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.
ރާއްޖޭގައި އަނބިމީހާ އާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ އިރު މޫދު ކައިރީ ހުރެ ނަގާފައިވާ ފޮޓޯއެއްގައި ބުނެފައި ވަނީ "މިކަހަލަ އާދަޔާހިލާފު ވަގުތު ތަކެއް ހޭދަކޮށްލުމުގެ ފުރުސަތު މިންވަރު ކުރެއްވީތީ ޝުކުރުވެރިވާ" ކަމަށެވެ.
އަނބިމީހާ އާއެކު މޫދުގައި ހުރެ އިންސްޓަގްރާމް ކުރި ފޮޓޯގައި ލިޔެފައި ވަނީ "ލޯބިވާ އާއެކު އަޖައިބުކުރުވަނިވި ތަނެއްގައި" ހުރި ކަމަށެވެ.
ތިއާގޯ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް: ތިއާގޯ ހުރީ އަޖައިބުވެފައި، ރާއްޖެ މަތިން ހަނދާން ވާނެ ކަމަށް ބުނި --- ފޮޓޯ: އިންސްޓަގްރާމް
ތިއާގޯ ވަނީ ސްނޯކްލިންގ އަށް ގޮސް ނަގާފައިވާ ވީޑިއޯ އެއްވެސް ޕޯސްޓު ކޮށްފަ އެވެ.
ރާއްޖޭގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ފަހު އެނބުރި ދިއުމުގެ ކުރިން ތިއާގޯ އިންސްޓަގްރާމް ކުރި ފޮޓޯގައި ބުނެފައި ވަނީ ރާއްޖެމަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ.
ސްނޯކްލިން އަށް ދަމުން އިންސްޓަގްރާމް ކުރި ވީޑިއޯގެ ސްކްރީންޝޮޓެއް ---
ތިއާގޯ އަދި އޭނާގެ އަންހެނުން ރާއްޖެ އިން ފުރާފައި ވަނީ އިއްޔެ އެވެ.