އިންޑިއާގެ ޓްރެފިކަކީ ބޮޑި ތަކުލީފެކެވެ. ޓްރެފިކުގައި ޖެހި އެތައް ވަގުތެއް ހޭދަކުރަން ޖެހުމަކީ މަޝްހޫރު ވާހަކަ އެކެވެ.

ބޮލީވުޑުގެ "ކިންގް ޚާން"، ޝާހް ރުކް ހާން އަށްވެސް މިފަހަރު މިއޮތީ އެ ތަކުލީފާ ކުރިމަތިވެފަ އެވެ. ކޮންމެއަކަސް ޝާހުއަށް ޓްރެފިކުގައި މާ ގިނަ އިރު ކެތްކޮށްލެވޭ ގޮތެއް ނުވި އެވެ.

މަސައްކަތް ނިންމާލުމަށް ފަހު މުމްބާއީގެ ވަރުގަދަ ޓްރެފިކްގައި ނުޖެހެން ވެގެން ޝާހު ހެދި ގޮތް އެނގޭ ހެއްޔެވެ؟ ޝާހު ގެއަށް ދިޔައީ ވައިގެ މަގުންނެވެ.

ޝާހު ވަނީ މަތިންދާބޯޓެއްގައި އިނދެ ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ކޮށްފަ އެވެ. އެ ފޮޓޯ އާއެކު ޝާހު ލިޔެފައި ވަނީ ޓްރެފިކުގައި ކެތް ނުވި ކަމަށެވެ. އަދި ފޮޓޯގައި އެހާ ބޮޑަށް ހިނިތުންވެފައި އިނީ، ފާހާނާއެއް ހޯދަން އުނދަގޫ ނުވާނެތީ ކަމަށް ބުނެފައިވެ އެވެ.

ޝާހު އިންސްޓަގްރާމް ކުރި ފޮޓޯ --

ޝާހު ގެއަށް ދިޔައީ ވައިގެ އުޅަނދެއްގައި ކަން ޔަގީންވި ނަމަވެސް، އެއީ ޕްރައިވެޓް އުޅަނދެއް ކަމެއް ނުވަތަ ފްލައިޓެއް ކަަމެއް ޔަގީނެއް ނުވެ އެވެ.

އުމުރުން 50 އަހަރުގެ ޝާހު އެންމެ ފަހުން ފެނިފައި ވަނީ މަނީޝް ޝަރުމާގެ ފިލްމު "ފޭން" އިންނެވެ. މިހާރު ޝާހު ކުރަމުން އަންނަނީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމު "ރައީސް" ގެ މަސައްކަތެވެ.