ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިރޭ މެލޭޝިޔާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ދެ ވަނަ ދުވަހަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕަމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެ ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދައުވަތަކަށް، ފަސްޓް ލޭޑީ މެޑަމް ފާތުން ބައިވެރިވެވަޑައިގެން "ގައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތައުލީމް"، އެ މަޢުލޫއަށް ތަގުރީރުކުރެއްވާނެ ކަމަށެވެ.

އެ ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްގީ އާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ގައުމުތަކުގެ މާހިރުން އެއްތަންވެ ހިޔާލު ފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.